ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ނަޝީދަށް އިންޒާރުދިން މައްސަލާގައި ރ. މީދޫން މިދިޔަ މަހުގެ 21 ގައި ހައްޔަރުކުރި އިސްމާއީލް ޔާސިފްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން 15 ދުވަސް ގުނާ ގޮތަށް، އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

އޭނާ ހައްޔަރުކުރީ، ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ "އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށާއި، މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލައަށްވުރެ ވަރުގަދަ ހަމަލައެއް ދޭނެ ކަމަށް ބުނެ، ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެންނެވެ.

އެ މައްސަލާގައި ޔާސިފްގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ ދުވަހުވެެސް އޭނާ ވަނީ ނަޝީދަށް އިންޒާރު ދީފައެވެ. އެހެންވެ، އޭނާގެ ބަންދަށް ޖެހި 15 ދުވަހުގެ އިތުރުން، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައިވެސް އޭނާއަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މިދިޔަ މޭ މަހު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ބޭރުގައި އުޅުއްވުމަށްފަހު، އެމަނިކުފާނު ވަނީ ހޯމަ ދުވަހު ކުޑަ ދުވަސްކޮޅަކަށް ރާއްޖެ ވަޑައިގެންފައެވެ.

އެމަނިކުފާނު ހުންނަވަނީ ހޮޓެލް ޖެންގައި ކަމަށްވާއިރު، އެމަނިކުފާނުގެ ސެކިއުރިޓީ ލެވަލް ވަނީ މަތިކޮށްފައެވެ.