ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، މޮމްސް ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސުޕާ ކިޑްސް ޗެލެންޖް" އިފްތިތާހްކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ "ސުޕާ ކިޑްސް ޗެލެންޖް" އަކީ ކުޑަކުދިން އެކުދިންގެ މައިންބަފައިން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކާއެކު އުނގެނުމަށާ، މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް އަމާޒުކޮށްގެން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކެއް ކަމަށެވެ.

އެ ހަފްލާގައި ފަޒްނާ ވަނީ މޮމްސް ޖަމްއިއްޔާއިން ހާސިލްކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތަކުގެ ތެރޭގައި، ގައުމީ ފެންވަރެއްގައި އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ 3 ކަމެއްކަމުގައިވާ އަންހެނުން ބާރުވެރިކުރުވުމާ، އަންހެނުންނާ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް މަސައްކަތްކުރުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާ އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް އަޑު އުފުލުން ހިމެނޭކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އަންހެނުން ބާރުވެރިކުރުވާ އަންހެނުންގެ ދިރިއުޅުން ފަސޭހަކުރުމަށް މޮމްސް ޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، އެކަމަނާ ވަނީ ކޮވިޑް-19ގެ ފުރަބަންދުގެ ހާލަތުގައި ކުޑަކުދިން ފޫހިވިޔަނުދީ ތިބުމަށްޓަކާ ނިމިދިޔަ ރަމަޟާން މަހު ސުޕާ ކިޑްސް ޗެލެންޖްގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާތީ އެކަމަށްޓަކާ ތައުރީފު ކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އޯގާތެރިކަމާ، ލޯބިވުމާ، އެހެން މީހުންގެ އިހްސާތަކަށް އިހްތިރާމްކުރުމަކީ ކުޑަކުދިންގެ ގައިގައި ހުރުން މުހިންމު ސިފަތަކެއްކަމުގައި ފާހަގަކުރައްވާ މިފަހަރުގެ ޕްރޮޤްރާމުގައި އޯގާތެރިކަމުގެ ސިފަ އަށަގެންނެވުމަށް ހަރަކާތްތަކެއް ހިމަނާފައިވާތީ އެކަމަށްޓަކާ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އިތުރަށް ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ އެ ޕްރޮގްރާމުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށް ކުދިންނަށް ބޮޑަށް ފުރުސަތުދީގެން ބެލެނިވެރިން އެހީތެރިންގެ ދައުރު އަދާކުރުމަށް ބާރުއަޅުއްވާފައެވެ.

ކުދިންނަށް ހުސްވަގުތު ދިނުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ ކުދިން ކުރުމަށްޓަކާ ހަވާލުކުރާ މަސައްކަތްތަކާ، ހުސްވަގުތު ދިނުމުގައި ބެލެންސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އެކަމުގެ ސަބަބުން ކުދިންގެ ހުސްވަގުތުގައި އެކުދިންނަށް އެދުވަހު ހިނގިކަންކަމާމެދު ވިސްނާލުމަށް ފުރުސަތު ލިބި، އެކުދިންގެ މުސްތަގްބަލާމެދު ވިސްނުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ހަމަ އެއާއެކު އެކަމަނާ މުދައްރިސްކަން ކުރެއްވި ދުވަސްވަރުގެ ކަންކަމާ، އަދި މަންމައެއްގެ ދައުރު އަދާކުރައްވާ ފަރާތެއްގެ ހައިސިއްޔަތުން އެހަފްލާގައި ވަނީ ބައެއްކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ ކުދިން އަމިއްލައަށް ގޮތް ނިންމަން ދަސްކޮށްދިނުމަށް އެހީތެރިވުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެލައްވާފައެވެ. އަދި އެކަން ހާސިލުވާނީ ކުދިންނަށް އެކުދިން ކުރުން މުހިންމު ކަންކަން ދެނެގަތުމަށް ފުރުސަތު ފަހިކޮށްދީގެންކަމަށާ، އެކުދިންގެ ހުސްވަގުތުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ފުރުސަތު ފަހިކޮށްދީގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ބެލެނިވެރިން ކުދިންނާއެކު ވަގުތު ހޭދަކުރުމަށް ބާރުއަޅުއްވާ ފަޒްނާ ވަނީ ކުދިންގެ ހުސްވަގުތުތައް ފުރާނެ ގޮތްތައް ރޭވުމުގައި އެކުދިންނާ އެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

އެހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަރިހުގައި މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އަހްމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މޮމްސް ޖަމްއިއްޔާއަކީ 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމްއިއްޔާއެއް ކަމަށާ ޖަމްއިއްޔާއަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ އަންހެނުންނަށާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށެވެ. އަދި އެ ޖަމްއިއްޔާގައި 100 ރަށުން ޖުމްލަ 37،000 މެންބަރުން ތިބޭ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.