ނެޓްފްލިކްސުން މަޝްހޫރު ކަން ހޯދާފައިވާ ސީރީޒެއް ކަމަށްވާ "ސްކުއިޑް ގޭމް"ގެ ސަބަބުން ދަރިވަރުންގެ އުޅުމަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމަށް ކަމަށް އިނގިރޭސިވިލާތުގެ ޖޯން ބްރަމްސްޓަން ޕްރައިމަރީ ސްކޫލުން ބުނެފިއެވެ.
އެ ގައުމުގެ އިލްފޯޑުގެ ޖޯން ބްރަމްސްޓަން ޕްރައިމަރީ ސުކޫލުން މިކަމާ ގުޅިގެން ބެލެނިވެރިންނަށް ސިޓީއެއް ފޮނުވާފައިވާއިރު އެ ސިޓީގައި ބުނީ ދަރިވަރުން އެ ސީރީޒް ބަލާކަން ފާހަގަކުރެވިފައިވާ ކަމަށާ އޭޭގެން ފެންނަ ނުރައްކާތެރި ބައެއް ގޭމުތައް ދަރިވަރުން ކުޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ސިޓީގައި ބުނީ މިފަދަ ކަންކަމަށް ބެލެނިވެރިންދޭ ސަމާލުކަން އިތުރު ކުރުމަށް އިލްތިމާސް ކުރާ ކަމަށާ ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލުތައް ވެސް ފާހަގަކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭގެ ނެޓްފްލިކްސްގައި ވެސް މިވަގުތު އެއްވަނައިގައި އޮތް މި ސީރީޒަށް ހީވެސް ނުކުރާ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވާއިރު މި ސައުތް ކޮރެއަން ނެޓްފްލިކްސް އޮރިޖިނަލް ސީރީޒްގެ ލީޑް ރޯލުން ފެނިގެން ދަނީ ކޮރެއާގެ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ އެކްޓާ ލީ ޖަންގް ޖޭއެވެ.
މި ސީރީޒްގައި ގެނެސްދެނީ ހަރުކަށި ގަވާއިދުތަކެއްގެ މައްޗަށް ބިނާކޮށް ކުޅެން ޖެހޭ ކުޑަކުދިންގެ ގޭމެއް ކުޅެގެން މޮޅުވާ މީހަކަށް ކޮރެއާގެ 45.6 ބިލިއަން ވޮން ލިބޭ މަންޒަރެވެ.
މި ގޭމުތަކުން ފެއިލްވާ މީހުންނަށް ލިބޭ އަދަބަކީ މަރު ކަމަށް ވާއިރު މި ގޭމުތައް ކުޅުމަށް އެކިއެކި އުކުޅު އެކި މީހުން ބޭނުންކުރާ މަންޒަރު ވެސް މި ސީރީޒުން ދައްކުވައިދެއެވެ.
މި ސީރީޒް ގިނަ ބަޔަކު މިހާރުވެސް ބަލަމުން ދާއިރު އެމެރިކާ އަދި އިނގިރޭސިވިލާތުގައި ވެސް "ސްކުއިޑް ގޭމް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.