ނެޓްފްލިކްސް އިން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު އެއް ޝޯ ކަމަށްވާ "ސްކުއިޑް ގޭމް" ގެ ދެވަނަ ސީޒަން އަންނަ ޑިސެމްބަރު މަހު ނެޓްފްލިކްސްގައި ސްޓްރީމް ކުރާގޮތަށް ނިންމައިފިއެވެ.

ސީރީޒްގެ ދެވަނަ ބައި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދައްކަން ނިންމާފައި ވާއިރު ޝޯގެ ޓީޒާއެއްވެސް މީގެ ކުރިން ވަނީ އާންމު ކޮށްފައެވެ. ސީރީޒް ސްޓްރީމް ކުރާ ތާރީހާއެކު ވަނީ ސީރީޒްގެ ކުރު ޓީޒާ ޓްރެއިލާއެއް އަނެއްކާވެސް ދައްކާލާފައެވެ. ދެކުނު ކޮރެއާގެ ތުރިލާ ޖޯންރާ އަށް ބިނާކޮށްފައިވާ މިފަހަރުގެ ސީޒަންގެ ޓީޒާ އިން ފެނިގެންދަނީ މިދިޔަ ސީޒަންގައި ގޭމު ކާމިޔާބުކުރި ލީ އުންޖޭ، ސްކުއިޑް ގޭމް އަސްލު އުފެއްދި މީހާ ހޯދަން ކުރާ މަސައްކަތެވެ.

ސްކުއިޑް ގޭމް އަކީ ބައިވަރު މީހުންތަކެއް ބައިވެރިވެގެން އެމީހާގެ ފުރާނައަށް ނުރައްކަލަކަށް ހުށައެޅިގެން ކުޅޭ ގޭމެކެވެ. އެ ގޭމުން މޮޅުނުވާ މީހުން މަރުވާއިރު މަރުވާ ކޮންމެ ބޮލަކަށް ވަކި އަދަދެއްގެ ފައިސާ ކަނޑައެޅިފައިވެއެވެ. އަދި ގޭމް ނިމިގެންދާއިރު ދިރިހުރި ހަމައެކަނި މީހާ އަށް އެ ފައިސާގެ އިނާމު ލިބިގެންދެއެވެ. ސްކުއިޑް ގޭމްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ 2021 ވަނަ އަހަރުގައެވެ. މީގެ އަހަރުތަކެއް ކުރިން ފުރަތަމަ ސީޒަން ފުރިހަމައަށް ގެނެސްދޭން މަސައްކަތްކުރި ކުރުން ވަނީ ކާމިޔާބުވެފައެވެ.

ރެކޯޑު އަދަދަކަށް "ސްކުއިޑް ގޭމް" ގެ ސީރީޒް މީހުން ބެލިއިރު މި ސީރީޒް ވެފައިވަނީ މިހާތަނަށް ނެޓްފްލިކްސް އިން ނެރުނު އެންމެ ކާމިޔާބު އެއް ސީރީޒަށެވެ. މި ސީރީޒުގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާއިރު މި ސީރީޒްގެ ދެވަނަ ބައެއް ވެސް ގެންނާނެ ކަމަށް ފިލްމުގެ ޓީމުން ވަނީ މިދިޔަ އަހަރު އިއުލާންކޮށްފައެވެ.