ހއ. ފިއްލަދުއާ އެއްފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމަނައިފިއެވެ.

ދައްޕަރު ފިއްލަދޫގެ އިހުތިސާސަށް އަނބުރާ ހިމަނާ ގަރާރު ރައީސް އޮފީހުގެ ފަރާތުން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ވަނީ މިއަދުއެވެ.

ދައްޕަރު ފިއްލަދޫގެ އިހުތިސާސުން ވަކިކުރީ މި އަހަރުގެ އޯގަސްޓު މަހުގެ 29 ވަނަ ދުވަހުގައި ނެރުނު ގަރާރަކުންނެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒުވަނީ ދައްޕަރު އަނބުރާ ފިއްލަދޫގެ އިހުތިސާސަށް އިއާދަކުރަން ރައީސް ސޯލިހު ނިންމެވިކަން އިއުލާނު ކުރައްވާފައެވެ.

ހއ. ފިއްލަދުއާ އެއްކޮށް އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމެނުމަށް ގޮވާލާ، 467 މީހުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށައެޅިއެވެ.

އެ ޕެޓިޝަންގައި ބުނެފައި ވަނީ ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާ އަދި އެ ރަށު އޮފީހަށް ވެސް އާމްދަނީ ލިބޭ ތަނެއް ކަމަށެވެ. އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ގާނޫނުގެ ދަށުން އެ ރަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމަށް ފަހު، ރައްޔިތުންނާ އެއްވެސް މަޝްވާރާއެއް ކުރެއްވުމެއް ނެތި، ފަހުން ފިއްލަދޫގެ އިހުތިސާސުން އެ ރަށް ވަކިކޮށްފައި ވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ ޕެޓިޝަންގައި ވަނީ ހިއްސާ ކޮށްފައެވެ.

އެގޮތުން ފިއްލަދޫ އިހުތިސާސުގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބިގެން ދިއުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ބޭނުން ކަަމަށް ބުނެފައި ވެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުން މުރާޖާ ކޮށްދެއްވާ ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމަނާ ދިނުމަށް ޕެޓިޝަން ވަނީ އެދިފައެވެ.