ހުޅުމާލޭގައި ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ދައުވާ ކޮށްފައިވާ ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކުރާ 42 ދައުވާއަށް އޭނާ އިންކާރު ކޮށްފިއެވެ.
އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެކެވެ.
މިދިޔަ މަހު އޮތް އަޑުއެހުމުގައި އައްމަޓީގެ ބަންދަށް ލުޔެއް ދެވެންނެތްކަމަށް ނިންމުމާއެކު އަންމަޓީ ވަނީ އޭނާގެ ދެ ދަރިން ޖާމިނުކޮށް ކަފާލާތުގެ ދަށުން ގޭބަންދަށް ދޫކޮށްދިނުމަށް ވެސް އެދިފައެވެ. ގާޒީ ހަސަން ސައީދު ވަނީ އަންމަޓީ ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށާއ މި ހާލަތުގައި އަންމަޓީ ބަންދުން ދޫނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައި ވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައި ވެއެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ.
އެ މައްސަލައިގައި އަންމަޓީ ބަންދުކޮށްފައި ހުއްޓާ ޖޫން 17 ގައި ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލިއެވެ. ނަމަވެސް، ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.
އަންމަޓީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގީ އިދާރާތަަކަށް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެފައެވެ. އޭނާ ހޯދަން 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ލަންކާގެ ފުލުހުން އޭނާ މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމުން ޖެހިގެން އައި މާޗް މަހު ދިވެހި ފުލުހުން ވަނީ އެ ގައުމަށް ގޮސް އަންމަޓީ ރާއްޖެ ގެނެސްފައެވެ.
އެހެން ނަމަވެސް އަންމަޓީ ކޯޓުގައި ބުނީ އޭނާ އުޅުނީ ފިލައިގެން ނޫން ކަމަށެވެ. ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން އުޅޭތީ ކަމަށް އޭނާ ބުނެއެވެ.