ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރި އިގްތިސޯދުގެ އަސަރަުގެ ސަބަބުން ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ، މިދިޔަ މަހުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ ކަމަށް، ކަސްޓަމްސް އިން ބުނެފިއެވެ.

އެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 119 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ މަހުގެ މި މުއްދަތުގައި ދައުލަތަށް 281 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އެހެންކަމުން، މިއަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ 137 ޕަސެންޓު އިތުރުވެފައިވާ ކަމަށް، ކަސްޓަމްސް އިން ބުންޏެވެ.

ދައުލަތަށް ލިބުނު އާމްދަނީ އާ އެކު، ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެ ނުވަތަ ސީއައިއެފް އަގުވެސް މިއަހަރު އިތުރުވެގެން ދިޔަ ނަމަވެސް، ބޭރު ކުރެވުނު މުދަލުގެ، ނުވަތަ އެފްއޯއައިބީ އަގު ވަނީ ދަށްވެފައެވެ. އެގޮތުން ސީއައިއެފްގެ އަގު 90 ޕަސެންޓު އިތުރުވެފައިވާއިރު، އެފްއޯއައިބީ އަގު ވަނީ 13 ޕަސެންޓު ދަށަށް ގޮސްފައެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް

  • އޮމާން (603 މިލިއަން ރުފިޔާގެ މުދާ)
  • ޗައިނާ (441 މިލިއަން ރުފިޔާގެ މުދާ)
  • ޔޫއޭއީ (434 މިލިއަން ރުފިޔާގެ މުދާ)
  • އިންޑިއާ (418 މިލިއަން ރުފިޔާގެ މުދާ)

މިދިޔަ މަހު ރާއްޖެއަށް މުދާ ގިނައިން އެތެރެކުރީ އޭޝިއާގެ ގައުމުތަކުންނެވެ. އަދި ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރީ ޔޫރަޕުގެ ގައުމުތަކަށެވެ. އޭގެ ތެރޭގައި ޖަރުމަނާއި، އިނގިރޭސިވިލާތާއި، ފްރާންސް ހިމެނެއެވެ.