ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއާއެކު ދަތުރަކަށް ނިކުތް ފަހުން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދަނިކޮށް، ޕާކެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޒުވާން ބްލޮގާ، ގެބީ ޕެޓީޓޯ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެން ކަމަށް، ތަހުގީގު ހިންގި ވިޔޯމިންގް ކޮރޮނާ އޮފީހުން ހާމަކޮށްފިއެވެ.

ކޮރޮނާ ޑރ ބްރެންޓް ބްލޫ ވިދާޅުވީ، ހުސްވި މަހު ގެބީ ޕެޓީޓޯގެ ހަށިގަނޑު ފެނުނު އިރުވެސް، އޭނާ މަރުވިތާ އެތައް ހަފުތާއެއް ވެފައި ވާ ކަމަށެވެ. އެގޮތުން، ގެބީ ޕެޓީޓޯގެ ހަށިގަނޑު، ބޭރުގައި އޮންނަތާ 3 ނުވަތަ 4 ހަފުތާ ވެދާނެ ކަމަށް ކޮރޮނާ ޑރ ބްލޫ ވަނީ ވިދާޅުވެފައެވެ.

ގެބީ ޕެޓީޓޯ މަރާލާފައި ވަނީ ހާސްކޮށްލައިގެން ކަމަށް ވިދާޅުވި ނަމަވެސް، އޭނާ ހާސްކޮށްލާފައި ވަނީ އެއްޗެއް ބޭނުން ކޮށްގެން ކަމެއްނުވަތަ ނޫން ކަމެއް، ޑރ ބްލޫ، ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ. ޓޮކްސިކޮލޮޖީ ރިޕޯޓާ ބެހޭ އިތުރު ތަފްސީލުތަކެއް ހާމަ ނުކުރެއްވި ނަމަވެސް، މަރާލިއިރު، ގެބީ ޕެޓީޓޯ އިނީ ބަލިވެ ނޫންކަމަށް ޑރ ބްލޫ ވަނީ ހާމަ ކުރައްވާފައެވެ.

ގެބީ ޕެޓީޓޯގެ މަރާ ގުޅިގެން މަސްލަހަތު އެކުލެވޭ މީހެއްގެ ގޮތުގައި، އޭނާގެ ލޯބިވެރިޔާ ބްރާޔަން ލޯންޑްރީ ފާހަގަ ކޮށްފައި ވާ އިރު، ސެޕްޓެމްބަރު މަހުގެ މެދަކާ ހިސާބުން ފެށިގެން އޭނާއަށް ވީ ގޮތެއްވެސް ނޭނގެއެވެ.

އެމެރިކާގައި މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި)ގެ ނޭޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި، 2020 ވަނަ އަހަރު ނިމުނުއިރު، ގެއްލިގެން ހޯދާ މީހުންގެ އަދަދު، 90000 އަށް ވުރެ މައްޗަށް އަރައެވެ. ނަމަވެސް މީގެ ތެރެއިން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ސަމާލުކަން ލިބެނީ މަދު ކޭސްތަކަކަށް ކަން ފާހަގަ ކުރަންޖެހެއެވެ.