އިއްޔެ ރާއްޖެއިން 74 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރަން 3312 ސާމްޕަލް ނެގި އިރު އޭގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 74 މީހުންނެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 21 މީހަކާއި، އަތޮޅުތެރެއިން 49 މީހަކާއި ރިސޯޓްތަކުން 4 މީހަކު އިއްޔެ ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 85622 އަށް އަރާފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1205 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭގައި ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. އިއްޔެއާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 583 ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 234 އަށް އަރާފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 184 މީހަކު މަރުވެފައެވެ.
ޢިއްޔެ 74 މީހަކު ޕޮޒިޓިވް ވެފައިވާ އިރު އޭގެ ކުރީދުވަހު ޕޮޒިޓިވްވެފައި ވަނީ 83 މީހެކެވެ.