ސައިންސް އެންޑް ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާތަކުން އަންހެން ކުދިން އުނގެނުމަށް ބާރު އެޅުމަށް އުގެއިލް ފައުންޑޭޝަންގެ ފައުންޑާ އަދި ރައީސް، ޕްރޮފެސާ ހަސަން އުގެއިލް ގޮވާލައްވައިފިއެވެ.

އުގެއިލް މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވާފައެވެ. އުގެއިލް ވިދާޅުވީ، މި ވަގުތުވެސް އެ ފައުންޑޭޝަންގެ ދަށުން ކުރިއަށް ގެންދާ 'ދަ ސާކަލް' ޕްރޮގްރާމްގައި 500 އަށް ވުރެ ގިނަ އަންހެން ކުދިން ކޯޑިން ކޯސް ފުރިހަމަ ކުރަމުން ދާ ކަމަށެވެ. އެހެންކަމުން މައިންބަފައިންނާއި ކުދިންނަށް އުނގަންނައި ދިނުމުގައި ހަރަކާތްތެރިވާ އިލްމީ ތަޖުރިބާ ކާރުން ވެސް އަންހެން ކުދިންނަށް ސައިންސާއި ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް އުނގަންނައި ދިނުމުގައި އެއްބާރުލުންދީ އެ ފަދަ ދާއިރާތަަކަށް އަންހެން ކުދިން ނެރުމަށް އުގެއިލް ގޮވާލެއްވިއެވެ.

އެގޮތުން އަންހެން ކުދިންނަށް ސްޓެމްގެ ދާއިރާތަކުން ތައުލީމް ހާސިލް ކުރުމަށް ފުރުސަތު ހުޅުވާލަދީ އެފަދަ މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެ ފުރުސަތު ފަހިކޮށް ދިނުމަކީ މިންތީގެ ހަމަހަމަކަން ދެމެހެއްޓުމަށް ކުރެވޭނެ ކަމެއްގެ ގޮތުގައި އުގެއިލް ފާހާގަ ކުރެއްވިއެވެ. އަންހެން ކުދިން މިފަދަ ދަޢިރާތަކުން ކިޔަވައިގެން ކުރިއަށް ދިއުމަކީ ގައުމަށް ވެސް ލިބެގެން ދާނެ ފަހުރެއް ކަމަށާއި އަންހެނުން ބާރުވެރި ކުރުމުގައި ވެސް މިއީ ކުރެވޭނެ ބޮޑު މަސައްކަތެއްގެ ގޮތުގައި އުގެއިލް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އަންނަން އޮތް ޖީލު ޑިޖިޓަލް ދުނިޔެއަށް އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރުމަށް އަތުކުރި އޮޅާލަން އުގެއިލް ވަނީ ގޮވާލައްވާފައެވެ.

ޕްރޮފެސާ އުގެއިލް އަކީ ރާއްޖޭގައި ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކޮށް، އާލާކުރުމަށާއި ރާއްހޭގައި ސައިންޓިސްޓުން ބިނާ ކުރުމަށް ބާރު އަޅާ ބޭފުޅެކެވެ. އުގެއިލް ފައުންޑޭޝަންގެ ފަރާތުން އެކި ކަހަލަ ކޯސްތަކާއި ވޯކްޝޮޕްތައް ހިންގާ އިރު ރާއްޖޭގެ ގިނަ އަދަދެއްގެ ކުދިން ބައިވެރިވާ ކަމަކީ ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.