ކުރިޔަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަނޑުގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފަކާއި ގުޅިގެން ކުރިއަށް އޮތް 5 ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދުއަތޮޅުތަކުގެ ކަނޑުތައް ގަދަވެ އެ ސަރަހައްދުތަކުގައި ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމަށް މި ބަދަލުތައް އަންނާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ މިމަހުގެ 12 ،13، 14 ،15 އަދި 16 ވަނަ ދުވަހުއެވެ.

މެޓް އޮފީހުން ވަނީ އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރެއެވެ.