ޓެކްނޮލޮޖީއަށް ބަރޯސާވެ މަސައްކަތް ކުރަމުންދާ ދުނިޔެއެއްގައި ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން، ކުދިންނާއި މުޖުތަމައުގެ ސަމާލުކަމަށް މިއަދު ގެންނަން ޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ޖެންޑާ މިނިސްޓްރީން ބުނީ، ކޮވިޑް-19 ގެ ސަބަބުން، ޓެކްނޮލޮޖީއަށް އާންމުން ބަރޯސާވެފައިވާ މިންވަރު ހާމަވެގެން ދިޔަ ކަމަށެވެ. އެގޮތުން ކިޔެވުމާއި ވަޒީފާގެ ކަންތައްތައް ކުރަން ޖެހުނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކަމަށާއި، މި ހާލަތުގައި ފައިދާގެ އިތުރުން، ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމުގައިވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށާއި، ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުން ފަދަ ކަންތައްތައް ކުރުމުގެ ގޮތުން، ޓެކްނޮލޮޖީއަށް ބަރޯސާވެގެން މަސައްކަތް ކުރަމުންދާ ދުނިޔެއެއްގައި ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ބެލުމަށްފަހު، އެ ގޮންޖެހުންތަކަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން މުޖުތަަމައުގެ ސަމާލުކަން ގެންނަންޖެހޭ ކަން ފާހަގަ ކޮށްފައެވެ.

އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށާއި، ފައިދާ ހުރި ގޮތެއްގައި ޓެކްނޮލޮޖީގެ ބޭނުންކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޓެކްނޮލޮޖީގެ ބޭނުންކޮށް އަމިއްލަ ރައްކާތެރިކަން ހޯދާނެ ގޮތާއި، އެކިއެކި އަނިޔާތަކާއި، ގްރޫމްކުރާ ފަރާތްތަކުން ސަލާމަތްވާނެ ގޮތުގެ ހޭލުންތެރިކަން އިތުރު ކުރުމަށެވެ
ޖެންޑާ މިނިސްޓްރީ

އަދި ހާއްސަކޮށް، އަންހެން ކުދިންނަށް ކުރާ އަނިޔާތަކުން ސަލާމަތް ކުރުމަށާއި، އެކުދިންނަކީވެސް ހަމަހަމަ ކަމާއިއެކު ދިރިއުޅުމުގެ ގާބިލުކަން ހުރި ކުދިންނަށް ހެދުމަށްޓަކައި، އެ ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަންހެން ކުދިން އަހުލުވެރިކޮށް، އެ ދާއިރާގެ ތަފާތު ރޮނގުތަކުން ފާހަގަކުރެވޭ ފަދަ ކާމިޔާބީއަކަށް ވާސިލްވުމުގެ ބާރުވެރިކަން އެ ކުދިންނަށް ދިނުން ކަމަށްވެސް ބުންޏެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހަށް ޔުނިސެފުން ކަނޑައަަޅާފައިވާ ޝިއާރަކީ "އަހަރެމެންގެ ޖީލް، ސުމޭކު ޖީލް" އެވެ.