މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސްގެ މަގާމުން މުހައްމަދު ހަމްދޫން މިއަދު އިސްތިއުފާ ދީފިއެވެ.

އެމްޖޭއޭއިން ބުނީ ހަމްދޫންގެ އިސްތިއުފާގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން އިސްތިއުފާ ދިނީ ވަޒީފާ އާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުން ކަމަށެވެ.

މީގެ އިތުރުން، ހަމްދޫންގެ ރައީސްކަމުގެ ދައުރުގައި އެމްޖޭއޭގެ އެކްސްކޯ އަދި އާއްމު މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ސިޓީގައި ފާހަގަކޮށް ޝުކުރު އަދާ ކުރާ ކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

ހަމްދޫންގެ ރައީސްކަމުގެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޖޭއޭގެ ހިންގުން ހަރުދަނާކޮށް، އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއެކު، ނޫސްވެރިކަން ކުރިއެރުވުމަށް އެމްޖޭއޭއިން ވަނީ ޕްރޮގްރާމްތަކެއް ހިންގާފައެވެ. މިމަސައްކަތުގައި ހަމްދޫން ދެއްކި ލީޑާޝިޕަށް އެމްޖޭއޭގެ އެކްސްކޯއިން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

މީގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުރި ހަމްދޫން ނޫސްވެރިންގެ ވޯޓުން އެމްޖޭއޭގެ ރައީސްކަމަށް އިންތިހާބުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮންލައިންކޮށް ބޭއްވި ޖަމިއްޔާގެ އާންމު ޖަލްސާގައެވެ.