ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު މަރުވެފައި ވަނީ އުމުރުން 72 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 10:57 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި މަރާ އެކު މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މިހުންގެ އަދަދު ވަނީ 234 އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީ ކޮވިޑް ބަލީގައި މި މަހު މަރުވި 3 ވަނަ މީހާއެވެ. މި މަހު މި ބަލީގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންދިޔަ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދެނިކޮށް މަރުވި އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 234 އަށް އަރާފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 185 މީހަކު މަރުވެފައެވެ.