ޝްރީ ލަންކާގެ ރެފިއުޖީންގެ ބަޔަކު ފިލައިގެން ދަނިކޮށް ރާއްޖޭގެ ދެކުނުން އިއްޔެ އަތުލައިގަނެ، ރާއްޖެއާ ހަވާލުކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ބުނީ ރާއްޖެ ސަރަހައްދުން ލަންކާގެ ތަމަޅައިންގެ 85 މީހަކު އަތުލައިގަތީ އެމެރިކާގެ ކަނޑުގެ ސިފައިން ކަމަށެވެ. އަދި އަތުލައިގަތް މީހުންގެ ތެރޭގައި 59 ރެފިއުޖީއަކު ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުން ޓެމިލްނާޑުގެ ފުލުހުންނާ ހަވާލާދީ ބުނީ އެ މީހުން މަސައްކަތްކުރީ ކެރެލާއިން ސައުތް އެފްރިކާއާ ދިމާލަށް ދަތުރުކޮށް ކެނެޑާއަށް އެތެރެވެ، އެ ގައުމުން ހިމާޔަތް ހޯދާށެވެ.

ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއާ މޮރީޝަސްއާ ދެމެދަށް އިންޑިއާ ކަނޑަށް ފެރީ ހުއްޓުނީ ކަމަށާ އެ މީހުން ސަލާމަތްކުރީ ޑިއަގޯ ގާސިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފައެވެ.

އަތުލައިގެން ގިނަ މީހުންގެ އަތުގައި ސައްހަ ޕާސްޕޯޓް ވެސް ނެތް ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖޭގެ ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.