މުހައްމަދު ތަކުރުފާނުގެ ގައުމީ ޖިހާދަށް ފިލްމެއް އުފައްދަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނިންމަާފިއެވެ.

ގައުމީ ދުވަހާ ގުޅިގެން، ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ އުތީމުގައި ބޭއްވި ޖަލްސާގައި ފިލްމް ވަނީ އިފްތިތާހު ކޮށްފައެވެ. މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ގައުމީ ދުވަހަށް ފިލްމް ގެނެސްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެފިލްމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވީ އެ ފިލްމަކީ އަންނަން އޮތް ޖީލުތަކަށްޓަކާ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދާއި, ގުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަދަރިންނާ ހަމައަށް އެ ޖިހާދު ގެނެސްދިނުމަށްޓަކަާ ފެށި ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އެއީ ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ, އެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުމަށް އިމްރާން އެދިވަޑައިގެންނެވިއެވެ.

އޭގެ ކޮންމެ ހާދިސާއަކީ އޭގެ މައްޗަށް ފުންކޮށް ނަޒަރުހިންގާ ވިސްނާލާއިރު އޭގެއިން ބޮޑަތިވެގެންވާ ޢިބްރަތްތަކެއް ލިބެނިވި, ދީނާ ގައުމަށްޓަކައި އަމިއްލައަށް ޤުރުބާންވާންޖެހޭކަމުގެ ފުރިހަމަ އިހުސާސްތައް ރަމްޒުކޮށްދޭ ކިތަންމެ މިސާލެއް.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ބޮޑުތަކުރުފާނުގެ ވާހަކައަށް އިޝާރާތްކުރައްވާ އިމްރާން ވިދާޅުވީ ފަސް ފަހަރު އެވާހަކަ އެއްކޮޅުން އަނެއްކޮޅަށް ވިދާޅުވި ކަމަށެވެ. ކޮންމެ ފަހަރަކުމެ ވިދާޅުވަމުން ގެންދަވާ އިރު އެ ކުރެއްވި ބޮޑު ޖިހާދުގެ ވަރުގަދަ ގުރުބާނީގެ އާ ވިސްނުންތަކެއް އާ އިހުސާސްތަކެއް ކުރެއްވޭ ކަމަށް ވިދާޅުވިއެވެ.

އެފިލްމް ޑައިރެކްޓް ކުރަނީ ޑައިރެކްޓަރު އަޝްހަރު ވަހީދު ކަމަށް މިނިސްޓްރީން ބުނެއެވެ.