ފުރިހަމަ ބޮޑު ކާމިޔާބީއެއް ގެނެވޭނީ އަމިއްލަ ނަފުސުން ގުރުބާނީތަކެއް ވެގެން ކަމަށާ, ބޮޑުތަކުރުފާނުގެ ޖިހާދުންވެސް ފެންނަން އޮތް ހަހީގަތަކީ އެއީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ އުތީމްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ ދުނިޔޭގެ ކާމިޔާބުތަކާ, ނަތީޖާނެރެފައިވާ މީހުންގެ ވާހަކަތަކާ, އެމީހުންގެ ބައޮގްރަފީއާ, އަދި ދުނިޔޭގެ ކާމިޔާބީތަކުގެ, ކާމިޔާބީތައް ނެރުއްވުމުގެ ފަލްސަފާވެރިންގެ ބަސްތަކަށް ބަލާއިރުވެސް އެއީ އެންމެން އެއްބަސްވާ ވަރަށް ބޮޑު ހަގީގަތެއް ކަމަށެވެ. ބޮޑުތަކުރުފާނުގެ މުޅި ސްޓޯރީއަށް ބަލާއިރުވެސް ފެންނަނީ ވެވަޑައިގެންނެވި ބޮޑު ގުރުބާނީ ކަމަށް އިމްރާން ވިދާޅުވިއެވެ.

މާތްވެގެންވާ އިސްލާމް ދީނާ, ދިވެހި ގައުމަށްޓަކާ އެވަޑައިގެންނެވި މަތިވެރި ގުރުބާނީ ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އިންސާނަކަށް ތައްޔާރުވެވޭނީ އެހާވަރެއްގެ ގުރުބާނީއަކަށް ކަމަށެވެ.

އިމްރާން ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނާނީ ގައުމަށްޓަކާ ކާބަފައިންވި ބޮޑަތި ގުރުބާނީތަކާ, ޒިކުރާ އާކޮށް އެގުރުބާނީ ތަކަށް ފަހުރުވެރިވާ ބަޔަކު ގައުމުގައި ދެމިތިބެގެން ކަމަށެވެ. އަދި ކާބަފައިން ހިފަހައްޓާފައިވާ މަތިވެރި ހަމަތަކާ, ސިފަތައް ބަލައިގަނެ ދަމަހައްޓައިގެން ކަމަށާ ކާބަފައިންގެ ފުށުން ވާރުތަކޮށްފައިވާ ހިތްވަރާ އަޒުމާ, ރިވެތި އަހުލާގީ ސިފަތަކުގެ މައްޗަށް ހެދިބޮޑުވާ ޖީލުތައް ބިނާކޮށް ތަރުބިއްޔަތު ކޮށްގެންކަމަށް އިމްރާން ވިދާޅުވިއެވެ.

ސަރުކާރުތަކުން މެދުކެނޑުމެއްނެތި އުތީމްގައި ގައުމީ ދުވަސް ނުވަތަ ގައުމީ ޖަލްސާ ބާއްވަމުން ގެންދާ ގެންދިއުމާ ގުޅޭގޮތުން ވެސް އިމްރާން ވާހަކަ ދެއްކެވިއެވެ. އިމްރާން ވިދާޅުވީ އެކަން އެގޮތުގައި ކުރައްވަމުން ގެންދަނީ ބޮޑުތަކުރުފާނަށް އެރުވޭ މަތިވެރި އިހުތިރާމަކާ, ޝަރަފެއްގެ ގޮތުގައި ކަމަށާ އަދި އެތަކުރުފާނު އުފަންވެވަޑައިގެންނެވި ރަށުގެ ރައްޔިތުންނަށް އަދާކުރެވޭ އަދަބު ތައުބީނެއްގެ ގޮތުގައި ކަމަށެވެ.

އިމްރާން ވިދާޅުވީ ތަކުރުފާނުގެ ކިބައިން ހިތްވަރުލިބިގަނެ މިގައުމު އަބަދަށްޓަކާ މިނިވަންކަންމަތީ ބޭއްވުމަށް ޖިހާދުކުރުމުގެ ހިތްވަރާ އަޒުމު އާކުރާނެ ބައެއްގެ ގޮތުގައި އުތީމްގެ ރައްޔިތުންނާ, ރާއްޖޭގެ ރައްޔިތުން ދެމިތިބުމަށް ހިތްވަރުދިނުމަކީގެ މުހިއްމު ބޭނުމެއް ކަމަށެވެ. އަދި ބޮޑުތަކުރުފާނުގެ ހަނދާންތައް ދެމެހެއްޓުމަށް އުތީމްގެ ރައްޔިތުން ކުރާ މަސައްކަތްތައް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މެދުކެނޑުމެއްނެތި ބޮޑުތަކުރުފާނުގެ ހަނދާންތައް ދަމަހައްޓަމުން އެތަކުރުފާނުގެ ގަނޑުވަރު ރައްކާތެރިކުރަމުން މިހިސާބަށް ގެނެސްދެއްވިކަމަށްޓަކައި އުތީމްގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޝުކުރާ ވެދުންތައް އަރިސްކުރަން.
އިބްރާން އަބްދުﷲ

އިމްރާން ވިދާޅުވީ ގައުމަށްޓަކައި ގުބާންވާން ތައްޔާރަށްތިބި އެތައް ދަރިންތަކެއް އެބަތިބިކަމަށާ, އެކަމަކު އެދަރިން ދަރިންނަށް ހަދަން ޖެހޭ ކަމަށެވެ. މިނިސްޓަރު މިސާލު ނެންގެވީ "މީހުން މީހުނަށް ވާނީ މީހުނަށް ހެދީމާ" ކަމަށް މުހައްމަދު ތަކުރުފާނު ވިދާޅުވެ އަމަލުން ދެއްކެވި މިސާލުންނެވެ. އިމްރާން ވިދާޅުވީ އަޅުގަނޑުމެންގެ މިއަދުގެ ހާލަތާމެދު ވިސްނާ ފިކުރުކޮށް، އަޅުގަނޑުމެންގެ ގައުމާއިގެން ކުރިއަށްދިއުމަށް މުހިއްމު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަންޖެހޭ ކަމަށާ އަޅުގަނޑުމެންގެ ދަރިން އެގޮތުގައި ބިނާކޮށް ތަރުބިއްޔަތުކުރަން ޖެހޭ ކަމަށެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ތާރީހުގެ ފަށްފުށްތަކަށް ރަނގަޅަށް ނަޒަރު ހިންގާލާއިރު އެތާރީހުގެ ފަށްފުށްތަކުގެ ތެރޭގައި އެންމެ ވިދާ އެންމެ ބަބުޅާ އެންމެ އުޖާލާ އެއްދުވަސްކަން ވެސް އިމްރާން ފާހަގަކުރެއްވިއެވެ. އިމްރާން ވިދާޅުވީ މިއީ 15 އަހަރާ 6 މަސްދުވަހާ 14 ދުވަހުގެ އަޅުވެތިކަމުގެ ވޭނާ ކެކުޅުމާ, ވޭނާ, ހިތާމަ އާހުގެ އަޑުތަކުން މިންޖުވެ މިނިވަން ދިވެހި އިސްލާމީ ޖައްވަކަށް އަލުން އާރޯކަމާއެކު ނޭވާލާން ފެށިތާ 462 ނުވަތަ 448 އަހަރު ފުރޭ ދުވަސް ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ 1946 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ގައުމީ ދުވަހުގެ ގޮތުގައި ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ މާތްވެގެންވާ އިސްލާމް ދީނާ, ދިވެހި ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ދެމެހެއްޓުމުގައި ދެގޮތެއްނުވެ ދިވެހިން ސާބިތުވެ ތިބޭނެކަމުގެ ރަމުޒެއްގެ ގޮތުގައިކަމަށެވެ.