ގައުމީ ދުވަހުގެ މުނާސަބަތުގައި "ސިފައިންގެ ގާބިލްކަން - ގައުމުގެ އަމާންކަން" ގެ ނަމުގައި ހަ ލަވަ ހިމެނޭ އަލްބަމެއް އެމްއެންޑީއެފް އިން ނެރެފިއެވެ.

ސިފައިންނާއި މަޝްހޫރު ބައެއް ލަވަކިޔުންތެރިން އަޑު އަޅައިދީފައިވާ މި އަލްބަމްގައި ހަ ލަވައެއް ހިމެނޭއިރު، މި އަލްބަމަށް ހެދި ހުރިހާ ލަވައެއްގެ ޅެމާއި ރާގު ހެދުމުގެ އިތުރުން، ޕްރޮޑަކްޝަންގެ މަސައްކަތްވެސް ކުރީ ސިފައިންނެވެ.

މި ލަވަތަކުގެ ޅެންތައް ހަދާފައިވަނީ ލެފްޓިނަންޓް ކާނަލް އަންވަރު ޒާހިރާއި، ކޮމާންޑް ސާޖަންޓް މޭޖަ އަބްދުﷲ ސައީދާއި، ވޮރަންޓް އޮފިސަރު 3 އާސިމް ރަޝީދާއި، ސާޖަންޓް އުބައިދު އަބްދުﷲ، އަދި ޕްރައިވެޓް މުހައްމަދު މާހިދެވެ.

މި ލަވަތަކަށް އަޑު އަޅައިދިން ލަވަކިޔުންތެރިންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އާއި މޯލްޑިވިއަން އައިޑަލް އިން ވިދާލި މަރިޔަމް ސަލްވާގެ އިތުރުން، ފަސްޓް ލެފްޓިނަންޓް ހުސައިން އަލީ ހިމެނެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ނެރުނު އަލްބަމްގެ ލަވަތައް

  • އަންހެން ސިފައިންގެ ލަވަ
  • ކަނޑު މަތީގެ ގާއިދުން (ކޯސްޓު ގާޑު)
  • ގައުމީ ހިދުމަތުގައި އެފްއާރުއެސް (ފަޔާ އެންޑް ރެސްކިއު ސާވިސަސް)
  • ރަތް ލަޝްކަރެއް (މެރިން ކޯ)
  • ލަޝްކަރުގެ މައިބަދަ (ސާވިސް ކޯ)
  • މަދަނަ ވެށްޓަކަށް (މެޑިކަލް ކޯ)

އެމްއެންޑީއެފް އިން ބުނީ މި ލަވަތައް ޔޫޓިއުބުން ފެންނަން ހުންނާނެ ކަމަށެވެ.