ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
ކަރެކްޝަނުން ބުނީ ރޭ 07:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ މ. މަލަސް/ ކ. މާލެ އިސްމާއީލް ޝަބީން (46 އަހަރު)، ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް މިރޭ، މަރުވެފައިވާ ކަމަށެވެ.
އޭނާ މަރުވެފައިވަނީ މިރޭ 07:30 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށާ އަދި މަރުވިއިރު އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ މީހެއް ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ބުނީ ޝަބީންއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެއް ކަމަށެވެ.
ޝަބީން ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެސާވިސްއިން ވަނީ އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައި ކަމަށް ކަރެކްޝަނުން ބުނެއެވެ.
އެ މައްޔިތާގެ ޖަނާޒާގެ ކަންތައްތައް އާއިލާއާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ކަރެކްޝަނުން ބުނެއެވެ.