މިއަހަރުގެ 3 ވަނަ ކުއާޓާގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ރަށްތައް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ހިންގާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މި އަހަރުގެ 3 ވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވާފައިވާ ކަމަށެވެ.

ހޮވުނު 5 ޕްރޮޖެކްޓަކީ:

  • ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުން.
  • ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުން.
  • ވ. ފެލިދޫގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުން.
  • ނ. މާޅެންދޫގައި މަސްކަނޑާތަނެއް ތަރައްގީކުރުން.
  • ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ގާއިމްކުރުން.
"އަޅުގަނޑުމެންގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަންފޯރުކޮށްދިނުން. މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން ފާހަގަކޮށްލަން. މިއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު. މިފަހަރު ކޮމިއުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން"
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު

ބީއެމްއެލްއިން އިތުރަށް ބުނީ މިފަންޑުގެ ދަށުން މިހާތަނަށް 55 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.