ފޮރިން މިނިސްޓަރު އަދި އދ. ގެ 76 ވަނަ ސެޝަންގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތުގައި ޒުވާނުންނަށް ފުރުސަތުތައް ހުޅުވާލުން ކަމަށާއި، ހާއްސަކޮށް ރާއްޖޭގެ ޒުވާނުންނަށް އދ. ގެ އޮފީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި ރައީސް އޮފީހުގައި މިއަދު ރައީސް އާ ބައްދަލު ކުރެއްވުމަށްފަހު ދެއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި ރައީސް ވިދާޅުވީ ޝާހިދުގެ ރިޔާސަތުގައި ރާއްޖޭގެ ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރައްވާ ކަމަށެވެ.

މިގޮތުން، މަނިކުފާނު އިއުލާނު ކުރައްވާފައިވާ ފެލޯޝިޕްގެ ދަށުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ފޮރިން ސާވިސް އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފުރުސަތު ހުޅުވިގެން ދިޔުމަކީ ޒުވާނުންގެ ކުރިމަގު އުޖާލާވެ، އެ ކުދިންގެ މުސްތަޤުބަލް ރަނގަޅުވެގެން ދާނެ ކަމެއް.
ރައީސް ސޯލިހް

ރައީސް ވިދާޅުވީ އެހެން ގައުމުތަކާއި ގުޅިގެން ރާއްޖޭން މަސައްކަތް ކުރުމާ ގުޅޭ ގޮތުންނާއި، ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމް ކުރުމާއި، އިންސާނީ ހައްގުތައް ދެމެހެއްޓުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި، އެ ކަންތައްތައް ކުރިއެރުވުމަށް ޝާހިދު އިސްކަން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހަމައެއާއެކު، ދެ ބޭފުޅުން ވަނީ ޒަމާނަށް އަންނަ އެކި ބަދަލުތަކާ އެއްގޮތަށް އދ. ގެ މުއައްސަސާތަކުގެ މަސައްކަތްތައް އިސްލާހު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އެކަމަކީ ރާއްޖޭން އަބަދުވެސް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭން އިސްކަންދޭ ދާއިރާތަކާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމާއި، ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހުރިހާ ގައުމުތަކެއް ހިމެނޭހެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތަކުން ކޮވިޑާ ގުޅިގެން ނަގާފައިވާ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި މަސައްކަތް ކޮށްދެއްވުމަށް ޝާހިދުގެ އަރިހުގައި އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި އދ. އިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަ ކުރައްވައި، ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ލިބެމުންދާ އަނިޔާތަކުން އަރައިގަތުމަށްޓަކައި އަންހެނުންނާއި ކުޑަކުދިން ބާރުވެރި ކުރުވައި، މިންތީގެ ހަމަހަމަކަން ގާއިމް ކުރަންޖެހޭ ކަމަށާއި އެކަން ހާސިލް ކުރުމަށްޓަކައި އާންމު މަޖިލީހުގެ ސެކްރެޓޭރިއެޓް އެކުލަވާލާފައިވަނީ މިންތީގެ ހަމަހަމަކަމުގެ މައްޗަށް ކަމަށް ވާތީ ރައީސް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ.

ރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމެއް ކަމަށާއި، ނަމަވެސް އދ. ގެ މެންބަރަކަށް ރާއްޖެ ވީ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ކުދި ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމުގައި ދެމިއޮތްކަން ފާހަގަ ކުރައްވައި، މިކަން ދެމެހެއްޓުމަށްޓަކައި ޝާހިދުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.