މިއަދުގެ ސަރުކާރަކީ ފަޅޯގަހެއްނަމަ އެ ހުރީ ވާ ކާ ހިސާބަށް ގޮސް އޭގެ ބޭނުން ކެނޑޭ ހިސާބުގައި ކަމަށާއި މިހާރު ހަލުވާލިޔަސް ގަހުގެ ބުޑަށް ވެއްޓޭގޮތަށް މިސަރުކާރު ވެއްޓޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިމިގެން ދިޔަ ގޮތާމެދު މާޔޫސްނުވާ ކަމަށާއި ސުޕްރީމް ކޯޓުން އަދުލުވެރި ހުކުމެއް އިއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ މައްސަލައިގެ ސީޣާއާ ގުޅުމެއް ނެތް ތަހްގީގު ކުރި މައްސަލައާ ގުޅުމެއް ނެތް ދައުވާއެއް ކަމަށާއި ކަނޑައެޅިގެން ނިފާގު ހެކި ބޭނުން ކުރި ކަމަށާއި އެހެންކަމުން އެދުވަހުވެސް އަދި މިއަދުވެސް ރައްޔިތުންގެ ކޯޓުގައި ރައީސް ޔާމީނަކީ މިނިވަނެއް ކަމަށާއި ކުށްވެރިއެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދުވެސް ގަބޫލުކުރަމުންދަނީ ރައީސް ޔާމީންއަކީ އަނިޔާ ލިބެމުންދާ، މިމައްސަލައިގައި ސަރުކާރުން އަނިޔާ ދެމުންދާ މީހެއްކަން. އަޅުގަނޑުމެން މިތިބީ ދޫކުރާ ގޮތަކަށް ނޫން. ރައީސް ޔާމީނުގެ މިހާރު ހިނގަމުންދާ ޝަރީއަތަކީ ހައްގާ ބާތިލާ ދެމެދު ކުރެވޭ ހަނގުރާމައެއް."
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

ރައީސް ޔާމީންގެ ވެރިކަމުގައި ރޮކެޓް ސްޕީޑްގައި ގައުމު ތަރައްގީ ކުރަމުން ދިޔައިރު މިގައުމަށް މިހާރުވެސް ޣައްދާރުވެފައި ވާ މީހުން އޭރުވެސް ދިޔައީ ޣައްދާރުވަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވަނީ މިހާރު މިސްކިތްތަކަށް އަރާ ވަރަށް ހަޑި މުޑުދާރު ކަންތައްތަކެއް ކުރަމުން ދާ ކަމަށާއި މިފަދަ ކަންކަމަކީ ރޭވިގެން ގަސްތުގައި ހިނގާ ކަންތައްތައް ކަމުގައި ތުހުމަތު ކުރައްވާފައެވެ.