ކަރަންޓުން ދުވާ ކާރު އެސެމްބެލް ކުރަން ސްޓެލްކޯ އިން ވިސްނަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އިލެކްޓްރިކް ކާރު ސްޓެލްކޯގެ ވޯކްޝޮޕް، ސްޓެވޯގައި އެސެމްބަލް ކުރުމުގެ ވިސްނުން ސްޓެލްކޯއިން ގެންގުޅޭ ކަމަށެވެ.

އަދި އެ ވިސްނުމަކީ ރާއްޖޭގެ މާހައުލަށް އެންމެ ވިހަ ގޭސްތައް ދޫކުރަމުން ދަނީ އެކި ޒާތުގެ ވެހިކަލްތަކުން ކަމަށް ވާތީ، ރާއްޖޭގެ ތިމާވެއްޓަށް އެންމެ ރަނގަޅު އެއް ބާވަތަކީ އިލެކްޓްރިކް ވެހިކަލް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވެހިކަލްތަކަކީ ރާއްޖޭގެ މަގުތަކުގައި ދުއްވަން ރައްކާތެރި ގޮތަކަށް އުފައްދާ ވެހިކަލްތަކެއް ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ވޯކްޝޮޕް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި އެކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދެވެ.

ހުޅުމާލެއަށް އަރާތާ ކައިރީގައި ހުންނަ އެ ވޯކްޝޮޕުން ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓުތައް ހަދާލެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އޭގެ އިތުރުން ސްޓެލްކޯ އިން ވަނީ އެ ވޯކްޝޮޕްގައި ތިން މޮޑިއުލެއް ތައާރަފް ކޮށްފައެވެ. އެއީ 300 އެސްޓީޑަބްލިއު، އެސްޓީޑަބްލިއު 600 އަދި އެސްޓީޑަބްލިއު 800 އެވެ.