ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކްގެ ގޮތުގައި ސިފަ ކުރަމުން އަންނަ ފޭސްބުކްގެ ހިދުމަތްތަކަށް ރޭ ބުރޫ އެރުމާއެކު، ޕްރައިވެޓް މެސެންޖާ އެޕްތަކެއް ކަމަށް ވާ ސިގްނަލްއާއި ޓެލެގްރާމަށް ޑިމާންޑް އިތުރުވެގެން ގޮސްފައި ވާ ކަމަށް، ވިޔަފާރީގެ ހަބަރުތައް ގެނެސްދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ބްލޫމްބާގުން ރިޕޯޓް ކޮށްފިއެވެ.

ފޭސްބުކްއިން ސޯޝަލް މީޑިއާގެ ހިދުމަތް ފޯރުކޮށްދެމުން ދިޔަ 3 ވިއުގައެއްގެ ހިދުމަތަށް، އެތައް ގަޑިއިރެއް ވަންދެން ބުރޫ އެރުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު، ސިގްނަލްއާއި ޓެލެގްރާމްގެ އެޕް ޑައުންލޯޑްކޮށް، އާ ޔޫޒާ އެކައުންޓްތައް ހަދާފައި ވާ ކަމަށް ބްލޫމްބާގުން ބުނެއެވެ.

އެޑްވާޑް ސްނޯޑަންގެ ތާއީދު ލިބިފައިވާ ސިގްނަލްއިން ވަނީ އެތައް މިލިއަން އާ އެކައުންޓެއް ހަދާފައި ވާ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ. އަދި ފޭސްބުކް ކުންފުނީގެ ވަޓްސްއެޕްއާ ދާދި އެއްގޮތަކަށް އޮޕަރޭޓް ކުރާ ޓެލެގްރާމް ބޭނުން ކުރުމަށް އަލަށް ހެދި އެކައުންޓްތަކުގެ އަދަދު، އެމެރިކާގައި އެކަނިވެސް 55 ދަރަޖަ ކުރިއަށް ޖެހިލާފައި ވާ ކަމަށް، ސެންސާ ޓަވާގެ ރެކޯޑުން ދައްކައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން 2.7 ބިލިއަން އެކައުންޓް އޮޕަރޭޓް ކުރާ ފޭސްބުކް އިންކްގެ ހިދުމަތްތައް، ރޭގެ ވަގުތެއްގައި މެދުކެނޑިގެން ދިއުން ވެފައި ވަނީ، ސޯޝަލް މީޑިއާގެ ހިދުމަތް ފޯރުކޮށްދޭ އެހެން ކުންފުނިތަކަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ދާދި ފަހުން ތައާރަފުވެ، ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކްލަބްހައުސްގެ ތަރުޖަމާނަކުވެސް ވަނީ، އެފްބީގެ ހިދުމަތްތައް މެދުކެނޑިގެން ދިޔަ ވަގުތުގައި، ކްލަބްހައުސް ބޭނުން ކުރި މީހުންގެ އަދަދުވެސް އިންތިހާއަށް އިތުރު ވި ކަން ފާހަގަ ކޮށްފައެވެ.