ފަސް މީހުންނާ އެކު ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުން ދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ. އަލިގާގެ ހުޅަނގުން ހަތަރު މޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަޑިއަށް ދިޔަ "ވައިވިލާ" ނަމަކަށް ކިޔާ ދޯނީގައި ތިބީ 5 ދިވެހިން ކަމަށާއި މިއަދު ހެނދުނު ގާތްގަނޑަކަށް 8:30 ހާއިރު އެ މީހުން ހެޔޮ ހާލުގައި ފެނިފައިވާ ކަމަށެވެ.މި ދޯނި އަޑިއަށްދިޔަ ކަމަށް ބެލެވޭ ސަރަހައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވި ކަމަށާއި އެ 5 މީހުން ހޯދުމަށް އެމްއެންޑީއެފް ޑޯނިޔާ ފްލައިޓް އެ ސަރަޙައްދަށް ދަތުރުކުރި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރު ކަމަށެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކ. ތިލަފުށި ކައިރިން ދަތުރު ކުރަމުން ދިޔަ ސަފާރީއެއް ދިޔަވެ، އަޑިއަށް ގޮސް އެ ސަފާރީން ދަތުރު ކުރަމުން ދިޔަ މީހަކުވެސް ވަނީ މަރުވެފައެވެ.