ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދައްޕަރުގެ މައްސަލައާ ގުޅޭ ގޮތުން ކައުންސިލްއާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ފިއްލަދޫ ރައްޔިތުން ދައްޕަރު މައްސަލަައިގައި ދެކޭ ގޮތް މިއަދުގެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު އަނބުރާ ހިމެނުމަށް ރައީސް ސޯލިހް ވަނީ ނިންމާވާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހއ. ފިއްލަދުއާ އެއްކޮށް އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމެނުމަށް ގޮވާލާ، 467 މީހުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަަހަޅާފައި ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ހަވާލުވެވަޑައިގަތީ މިވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ.
އެ ޕެޓިޝަންގައި ބުނެފައި ވަނީ ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާ އަދި އެ ރަށު އޮފީހަށް ވެސް އާމްދަނީ ލިބޭ ތަނެއް ކަމަށެވެ. އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ގާނޫނުގެ ދަށުން އެ ރަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމަށް ފަހު، ރައްޔިތުންނާ އެއްވެސް މަޝްވާރާއެއް ކުރެއްވުމެއް ނެތި، ފަހުން ފިއްލަދޫގެ އިހުތިސާސުން އެ ރަށް ވަކިކޮށްފައި ވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ ޕެޓިޝަންގައި ވަނީ ހިއްސާ ކޮށްފައެވެ.
އެގޮތުން ފިއްލަދޫ އިހުތިސާސުގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބިގެން ދިއުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ބޭނުން ކަަމަށް ބުނެފައި ވެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުން މުރާޖާ ކޮށްދެއްވާ ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމަނާ ދިނުމަށް ޕެޓިޝަން ވަނީ އެދިފައެވެ.