އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ޖަމާވުން ލަސްވި ނަމަވެސް މިރޭ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ޖަމާކޮށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އެހެން ބުނީ އޮކްޓޯބަރު ފެށިއިރު ވެސް، އަތޮޅުތަކުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައި ނުވާތީ، އެކަމުގެ ޝަކުވާތައް ބޮޑުވެފާ ވަނިކޮށެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާަޅުވީ ބައެއް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވީ މުވައްޒަފުންގެ މައުލޫމާތުތައް އާ ސިސްޓަމަކަށް އަޅާތީ ކަމަށެވެ.
މުސާރަ ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާ މުސާރަ ނުލިބޭ ހުރިހާ މުވައްޒަފުންނަށް މިރޭގެ ނިޔަލަށް މުސާރަ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސް ފެށުމުގެ ކުރިން އާންމުކޮށް ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާ ކުރެއެވެ.