އައްޑޫގެ މޭޔަރުކަން ތިން ދައުރު ފުރިހަމަ ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގަ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ، ސޯބެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން ރައީސް ވަނީ އޭނާ އަށް އަރުއްވާފައެވެ.

ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ އިން ސަނަދު ހާސިލް ކުރައްވާފައެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ސޯބެ އައްޔަނު ކުރެއްވުމުގެ އިތުރުން، މިއަދު ރައީސް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރު ކަމަށްވެސް ބޭފުޅަކު އައްޔަނު ކުރައްވާފައެވެ.