މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ޖުމްލަ 730 މައްސަލައަކާ ގުޅޭ ގޮތުން ގާނޫނީ ލަފައަށް އެދި ދައުލަތުގެ އެކި މުއައްސަސާތަކުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، 735 މައްސަލައަކަށް ލަފާ ދީފައިވާނެ ކަމަށް، އެ އިދާރާއިން ހާމަކޮށްފިއެވެ.

އޭޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރު ދެބައިވި އިިރު، 520 މައްސަލައެއްގަ ލަފަޔަށް އެދި ދައުލަތުން އެ އޮފީހަށް ހުށަހަޅާފައި ވެއެވެ. އަދި ފާއިތުވެދިޔަ ތިން މަހު 210 މައްސަލައެއްގަ ލަފަޔަށް އެދި ވަނީ ހުށަހަޅާފައެވެ.

މީގެ ތެރެއިން 735 މައްސަލައަކަށް ލަފާ ދީފައިވާނެ ކަމަށާ، އޭގެ ތެރޭގަ މިދިޔަ އަހަރު ނިމުނުއިރު ލަފާ ނުދެވި ހުރި މައްސަލަތަކާއި އޭޖީ އޮފީހުގެ އިސްނެގުމުގެ މަތިން ފޮނުވާފައިވާ ބައެއް ގަވާއިދުތައް ހިމެނޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އޭޖީ އޮފީހުން ލަފާދީފައިވާ މައްސަލަތަކުގެ ތެރެއިން ގިނައީ އެއްބަސްވުންތަކުގަ ސޮއި ކުރުމާ ގުޅޭ ގޮތުން އެ އިދާރާއިން ދީފައިވާ ލަފައެވެ. އެގޮތުން އެ މައްސަލައިގަ 204 ފަހަރު ލަފާދީފައިވާއިރު، އޭގެ ތެރެއިން މިދިޔަ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް 154 ފަހަރު، އަދި މިދިޔަ ޖުލައި މަހުން ސެޕްޓެމްބަރުގެ ނިޔަލަށް 60 ފަހަރު ލަފާ ދީފައި ވެއެވެ.

ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުން 17 ލަފައެއް އޭޖީ އޮފީހުން ދީފައިވާއިރު، އުސޫލުތަކާއި ގަވާއިދުތަކާ ގުޅޭ ގޮތުން 175 ލަފައެއް ވަނީ ދީފައެވެ. އަދި އެހެނިހެން ކަންތައްތަކާ ގުޅޭ ގޮތުން 327 ލަފާ ދީފައިވެއެވެ.