ކަރިޝްމާ ޕާޓީގެ ނަމުގަ ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ނުދިނުމުން، "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" އަށް ނަން ބަދަލު ކުރުމުން، ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އީސީން އިޚްލާސްތެރި ޕާޓީ އުފެެއްދުމަށްޓަކައި ހުއްދަ ދިނީ ކަރިޝްމާ ޕާޓީ އުފައްދަން އެ ކޮމިޝަނަށް ހުށަހެޅި މ. ކެލަމް، މުހައްމަދު އިސްމާއީލަށެވެ.

މީގެ ކުރިން މުހައްމަދު ކަރިޝްމާ ޕާޓީގެ ނަމުގަ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހެޅި ނަމަވެސް، އެ ޕާޓީ އުފައްދަން ހުއްދަ ނުދިނީ ނަން ކަމުނުދާތީ އާއި، ފޯމާ އެކު ހުށަހެޅި ބައެއް ލިޔެކިއުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށްވެސް އޭރު އީސީން ބުންޏެވެ.

ދާދިފަހުން އީސީން ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގަ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައެވެ. މީގެ އިތުރުން އަބްދުﷲ ކަމާލުއްދީން އިސްވެ އުފައްދަވާ އެއްބައިވަންތަކަމުގެ ޕާޓީ އުފައްދަންވެސް އެ ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ.

މިހާތަނަށް ރަޖިސްޓްރީ ކުރި ޕާޓީތަކުގެ ތެރެއިން ރާއްޖޭގަ އެންމެ ފުޅާކޮށް ސިޔާސީ ހަރަކާތްތައް ހިންގަނީ ވެރިކަން ކުރާ އެމްޑީޕީންނާއި، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިތުރުން، އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމެވެ.