ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުން ދޫކޮށްލައިފިއެވެ.

ޖާބިރަށް ހަމަލާދީ އއ. މަތިވެރީގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. އެ މީހުންގެ ބަންދަށް ޖެހި ހަތް ދުވަސް ވަނީ ހަމަވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު މިހާރު އެދެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައިގާ މި 2 މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

މި މަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމާއެކު ރަށުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފައި ވަނީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު، ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދީފައިވާ ގެސްޓު ހައުސްގެ މައްސަލައާ ގުޅިގެންނެވެ.

ރަސްމީ ކޮށް ޖާބިރުގެ ކުންފުންޏަށް ގެސްޓްހައުސް ހިންގަން ބިމެއް ދީފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް އޭގެ ކުރިން ވެސް އެތަނުގައި ގެސްޓްހައުސް ހިންގަމުން ދިޔަ ފަރާތަށް އެތަން ނުހިންގިގެން ޖާބިރު އެތަން ހިންގާފާވެއެވެ. ޖާބިރަށް އެތަން ކުއްޔަށް ދިންތާ މިހާތަނަށް 2 އަހަރުވެފައިވާ އިރު އެތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 4.7 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.