ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމް ނުވަތަ ސޫރުދު ނިޒާމްގައި، އިރާ އެންމެ ކައިރީގައިވާ ޕްލެނެޓް މާކަރީ (އަތާރިދު)ގެ ފުރަތަމަ ތަސްވީރުތައް، ވިލާތާއި ޖަޕާންގެ ގުޅިފައި ވާ ޖައްވި އުޅަނދުން، ދުނިޔޭގެ ބިމަށް ފޮނުވައިފިއެވެ.

ވިލާތުގެ ޖައްވީ އިދާރާ (އިސާ) އިން ބުނީ، "ބެޕީކޮލަމްބޯ" މިޝަންއިން، މަކަރީ ޕްލެނެޓް ކައިރިން 6 ފަހަރެއްގެ މަތިން ދަތުރު ކޮށްފައި ވާ އިރު، އެންމެ ފުރަތަމަ ދަތުރު ކުރީ ހުކުރު ދުވަހު، ޖީއެމްޓީ ގަޑިން ރޭގަނޑު 11:34 ގައި ކަމަށެވެ.

ޕްލެނެޓާ ގާތްގަނޑަކަށް 125 މޭލު ކައިރިން ދަތުރު ކޮށް، ކަޅާ ހުދުގެ، ލޯ ރިޒޮލޫޝަން ތަސްވީރެއް ނެގި ކަމަށް މައުލޫމާތު ލިބެއެވެ.

މިޝަންއިން ނަގާފައި ވާ ފޮޓޯއިން ފެންނަނީ މާކަރީ ޕްލެނެޓްގެ އުތުރު ހެމިސްފިއާ ކަމަށާ، ތަސްވީރުން ފެންނަ ބައިތަކުގެ ތެރޭގައި، 166 ކިލޯމީޓަރުގެ ލާމޮންޓޯފް ކްރޭޓާ ނުވަތަ ވަޅުގަނޑުވެސް ފެންނަ ކަމަށް އިސާއިން ހަބަރު ދެއެވެ.

ވިލާތުގެ ޖައްވީ އިދާރާއާއި ޖަޕާނުގެ އޭރޯސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީ ގުޅިގެން، މި މިޝަން އުދުއްސާލީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މި މިޝަންގައި ބޭނުން ކުރަމުންދާ އުޅަނދު ވަނީ، ދުނިޔެ ކައިރިން 1 ފަހަރު އަދި ވީނަސް ކައިރިން 2 ފަހަރު ދަތުރުކޮށްފައެވެ.

ވިލާތާއި ޖަޕާންގެ ގުޅިފައިވާ ޖައްވީ މިޝަންއިން ނެގި މާކަރީ ޕްލެނެޓްގެ ފޮޓޯ/ ފޮޓޯ: އިސާ ބެޕީ | ޓްވިޓާ

އިސާއިން ބުނީ ބެޕީކޮލަމްބޯ މިޝަންގައި، މާކަރީގެ އެންމެ އެތެރެ ފަށަލައިން ފެށިގެން ބޭރު ފަށަލައާ ހިސާބަށް ދިރާސާ ކުރާނެ ކަމަށެވެ.

މި މިޝަންގެ ދަށުން، 2015 ވަނަ އަހަރު ނިމޭއިރު، 2 އުޅަނދެއް، މާކަރީ ޕްލެނެޓަށް ފޮނުވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މި ޕްލެނެޓަކީ އިރާ އެންމެ ކައިރީގައި ވާ ޕްލެނެޓް ކަމުން، މި ސަރަހައްދަށް ޖައްވީ އުޅަނދެއް ފޮނުވުމަކީ މާ ފަސޭހަ ކަމެއް ނޫނެނެވެ.