ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން އެދި ތިން ވަނަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުވާފައިވާ ކަމަށް މާލެ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ އަދަދު 5600އަށްވުރެ ކުޑަކޮށްދިނުމަށް އެދި 3 ވަނަ ފަހަރަށް ރައީސް އޮފީހަށް ނިމިދިޔަ ހަފްތާގައި ސިޓީ ފޮނުވާފަ ވާނެ ކަމަށެވެ.
އަދި ފިނިޝިން މަސައްކަތަށް މަދުވެގެން 9 މަސްދުވަސް ދިނުމަށް ވެސް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ހަރަދު ކުރާނޭ ފައިސާ ނެތްކަމަށް ބުނި ކުންފުނިން ތިލަފުށި ބިން ހިއްކަން ބޮޑު ހޭދައެއް ކުރަން ނިންމާ، އެ ހޭދަ ކުރަމުންދާ ކަމަށެވެ. އަދި އެޗްޑީސީގައި ފައިސާ ނެތީ ހަމައެކަނި ހިޔާ ފްލެޓްތައް ނިންމަންތޯ ޑރ. މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ ކުރިން ޑރ. މުއިއްޒު ވަނީ ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގަ މަހަކު 5،800 ރުފިޔާ ނެގި ކަމުގައިވިޔަސް، 20 އަހަރު ފަހުން އޭގެ ފައިދާ އެޗްޑީސީ އަށް ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފްލެޓުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑުކޮށް، ކުލީގެ އަގުތައް 8،500 ރުފިޔާ އަށް ވުރެ ބޮޑު ކުރުމުގެ ސަބަބުން އޭގެ ބުރަ އުފުލަން ޖެހެނީ އާންމުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓް ލިބުނު މީހުން އިސްނަގައިގެން އެމީހުންގެ ހުރި ކަންބޮޑުވުންތައް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި މި ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށް ދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުން ޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.
މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށް ދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލު ކުރާއިރު، ފްލެޓުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައި ވެއެވެ.
އޭގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން ވަނީ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ވެސް ކޮށްފައެވެ.