ރާއްޖޭގައި ފުރަތަމަ ފަހަރަކަށް "ކްރިޕްޓޯ" ކަރަންސީގެ މުއާމަލާތް ކްރޮސްރޯޑް މޯލްޑިވްސްގެ ދެ ރިސޯޓަކުން ފަށައިފިއެވެ.

ކްރޮސްރޯޑްސްގައި އެސް ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގާ ހާޑް ރޮކް ހޮޓެލް އާއި ސައި ލެގޫން އަކީ މިހާރު ރާއްޖެއިން ކްރިޕްޓޯކަރެންސީ ބޭނުން ކުރާ ފުރަތަމަ ދެ ރިސޯޓެވެ.

އެސް ހޮޓެލްސްއިން ނެރުނު ބަޔާނެއްގައިވާ ބުނެފައިވަނީ އެ ދެ ރިސޯޓުން ޑިޖިޓަލް ފައިސާ ބޭނުން ކުރަން ފަށަނީ، ކްރިޕްޓޯ ކަރެންސީ ވިޔަފާރީގައި މަޝްހޫރު ޕްލެޓްފޯމެއް ކަމަށްވާ އެފްޓީއެކްސްއާ ގުޅިގެން ކަމަށެވެ.

އެ ދެ ރިސޯޓުން މިހާރު ބޭނުން ކުރާނީ ޔޫއެސްޑީ ކޮއިންސް (ޔޫއެސްޑީސީ) އާއި ޓެދާ ޓޯކެންސް (ޔޫއެސްޑީސީ) ކަމަށްވީ ނަމަވެސް މުސްތަގުބަލުގައި އިތުރު ކްރިޕްޓޯ ކަރެންސީތައްވެސް ބަލައިގަންނާނެ ކަމަށް އެސް ހޮޓެލްސްއިން ބުންޏެވެ.

މީގެ އިތުރުން، ރިސޯޓުތަކުގައި ޑިޖިޓަލް ފައިސާ ބޭނުން ކުރުމުގެ ފައިދާތައް ވަރަށް ގިނަކަން ފާހަގަކޮށް އެސް ހޮޓެލްސްއިން ބުނީ އޭގެ ސަބަބުން ބުކިން ހެއްދުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި އޮންލައިންކޮށް މުއާމަލާތް ކުރަން ބޭނުންވާ ޒުވާން ޖީލުގެ ޝައުގުވެރިކަން އެ ރިސޯޓުތަަކަށް ލިބިގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ މެދުތެރޭގައި ބަންދު ކުރި ކްރޮސްރޯޑްސް އާއްމުންނަށް ހުޅުވާލީ މިދިޔަ މަހުގެ އެކެއްގައެވެ.