ސްރީލަންކާގެ "މަނިކޭ މަގޭ ހިތޭ" ލަވައިން މަޝްހޫރު ކަން ހޯދާފައިވާ އުމުރުން 28 އަހަރުގެ ލަވަކިޔުންތެރިޔާ ޔޮހާނީ ދިލޯކާގެ އެންމެ ބޮޑު އެއް ހުވަފެނަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔުން ކަމަށް އޭނާ ބުނެފިއެވެ.

މަނިކެ ލަވައަށް ދުނިޔޭގެ އެކި ހިސާބުތަކުން ނުހަނު ބޮޑު ތަރުހީބެއް ލިބިފައި ވާއިރު މި ލަވަ ކިޔާފައިވާ ޔޮހާނީ ބުނީ މި ލަވައަށް އެހާ ބޮޑު ތަރުހީބެއް ލިބިގެން ދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. އަދި މި ލަވަ މިހާރު ގިނަ ބަޔަކު ބަލައިގަންފައި ވާއިރު އޭނާގެ ލަވަ ކިޔުމުގެ ކެރިއަރު ބިނާކުރުމުގައި ކުރިއަށް އޮތް ތަނުގައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އިންޑިއާއިން ވެސް މި ލަވައަށް ބޮޑު ތަރުހީބެއް ލިބިފައި ވާއިރު ޔޮހާނީ ބުނީ އުއްމީދަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށާ މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އިންޑިއާގެ މިއުޒިޝަން އޭއާރް ރަހްމާނާ އެކު މަސައްކަތް ކުރުން ކަމަށެވެ.

މީގެ އިތުރުން ވެސް އިތުރު ލަވަކިޔުންތެރިންނާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާ އެގޮތުން ސޯނޫ ނިގާމާއި އަރުޖިތު ސިންގްއާއެކު މަސައްކަތް ކުރުމަކީ ނުހަނު ބޭނުންވާ ކަމެއް ކަމަށް އޭނާ ވަނީ ހިއްސާ ކޮށްފައެވެ.

އޭނާ މިހާރު އަންނަނީ ސިންގަޅަ ބަހުން ނެރޭ އޭނާގެ ފުރަތަމަ އަލްބަމަށް ތައްޔާރުވަމުންނެވެ. "ކެއްލާ"ގެ ނަން ދީފައިވާ އަލްބަމް މި އަހަރުގެ ޑިސެމްބަރުގެ 9 ގައި ނެރެމަށް ނިންމާފައި ވާއިރު މި އަލްބަމުގައި ހިމެނޭނީ 12 ލަވައެވެ.