މާދަމާއިން ފެށިގެން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ފުޅާކޮށް، އެ ސަރަހައްދަށް ބަހުގެ ދަތުރުތައް ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގަ މިހެން ބުނީ ދެވަނަ ފޭސްގައި އަންހެން ކުޑަ ކުއްޖަކު ކޮނޑުގައި އުފުލައިގެން މަންމައަކު ހިޔާ ފްލެޓަށް ގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ކަމާބެހޭ ފަރާތްތަކަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެ ވީޑިއޯއިން ދައްކާ ގޮތުގަ އެ އަންހެން މީހާ ވަނީ ކުއްޖާ ވަކި ހިސާބަކުން ކޮނޑުން ބާލާފައެވެ.

އެހެންކަމުން އެ ސަރަހައްދުގަ ބަސް ސްޓޭޝަން ނުވަތަ ބަސް ސްޓޮޕް ގާއިމް ކުރަން އާންމުން ވަނީ ސޯޝަލް މީޑިއާގަ ގޮވާލާފައެވެ.

މިކަމާ ގުޅިގެން އެޗްޑީސީން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފެށުމާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށާއި، ވަގުތީ ގޮތުން ވިޔަސް ބަހުގެ ހިދުމަތްތައް ފެށުމާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން ވާހަކަ ދެއްކި ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އަދި ބަސް ސްޓޮޕް ގާއިމްކުރުމަށް ކުރާ މަސައްކަތުގެ 80 ޕަސެންޓު ފުރިހަމަ ކުރެވިފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މާދަމާއިން ފެށިގެން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އެކުންފުނިން ކުރާ ބަހުގެ ހިދުމަތްތައް ފަށަން ނިންމާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެޗްޑީސީ އާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހުގައި ކަމަށާއި، އެއާއެކު ބަސް ދަތުރުކުރާ ރޫޓުތަކަށް ބަދަލު ގެނެވިފައިވާ ކަމަށްވެސް ބުންޏެވެ.

މާދަމާއިން ފެށިގެން ބަސް ދަތުރުކުރަން ހަމަޖެހިފައިވާ ރޫޓު -- ފޮޓޯ: އެމްޓީސީސީ

މިގޮތުން މާލޭގެ ވެސްޓް ޕާކް ސަރަހައްދާއި، ކާނިވާ ސަރަހައްދާއި، އެއާޕޯޓުގެ އިތުރުން ހުޅުމާލޭގެ އެއްވަނަ، ދެވަނަ، އަދި ތިންވަނަ ނެއިބަހުޑް ސަރަހައްދުގަ ހުންނަ ބަސް ހުއްޓިތަކުން ދެވަނަ ފިޔަވައްސަށް ބަސް ދަތުރު ކުރާނެއެވެ.