އުރީދޫ ސާޕްޗެމްޕިއަންޝިޕް 2021 ފެށުމަށް ކުޑަތަންވެފައިވާއިރު، މިއަދު ހަވީރު "ޒުވާނުން ގައުމީ ޓީމާއެކު" މި ނަމުގައި ސައިކަލު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން މިއަދު ހަވީރު 4 ޖަހާއިރު ފަށައިގެން ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު ޓާފް 1 ކައިރިންނެވެ.

އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ޓީމަށް ސަޕޯޓުދިނުމަށްޓަކައި މި ސައިކަލު ބުރުގައި ބައިވެރިވުމަށް އެންމެންނަށްވެސް ދައުވަތުއަރުވާ ކަމަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި މި މުބާރާތަށް ނަންދެވިފައި ވަނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021"ގެ ނަމުންނެވެ.

މުބާރާތް ފެށެން ކުޑަތަންވެފައި ވާއިރު މިއަހަރުގެ މުބާރާތުގެ ތީމް އެއްގެ ގޮތުގައި ހަމަޖަައްސާފައި ވަނީ "މަގޭ މަހަލްދީބް" އެވެ. މި ނަމުގައި ޕްރޮމޯޝަންގެ ހަރަކާތްތައް ބާއްވާއިރު ސްލޯގަންގެ ގޮތުގައި ބޭނުންކުރާނީ "ތިންވަނަ ފަހަރު، މީ އެ ފަހަރު" އެވެ.

ލީގު އުސޫލުން ޖުމްލަ 5 ގައުމެއް މި މުބާރާތުގައި ވާދަކުރާއިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ނޭޕާލް އާއެވެ. އަދި މި މެޗުގެ ޓިކެޓް އިއްޔެ ވަނީ ވިއްކަން ފަށާފައެވެ.