ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ވާ ފަރާތަކުން ސްރީލަންކާއަށް ދަތުރު ފަށާއިރު ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ އޮވެއްޖެނަމަ، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ޓެސްޓު ތަކުރާރު ކުރަން ނުޖެހޭ ގޮތަށް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރައިން ހަމަޖައްސައިފިއެވެ.

ރޭ ދަންވަރު 00:00 އިން ފަށައިގެން އަމަލު ކުރަން ފަށާފައި ވާ މި ބަދަލަކީ ލަންކާއަށް ދަތުރު ކުރާ ފަތުރުވެރިންނާއި ލަންކާގެ ރައްޔިތުންނަށްވެސް އޮތް ލުޔެއް ކަމަށް މައުލޫމާތު ލިބެއެވެ. އޮކްޓޯބަރު 1 ވަނަ ދުވަހުން ފަށައިގެން ސްރީލަންކާގެ ޑޮމެސްޓިކް އެއާޕޯޓްތަކުގައިވެސް މިކަން ތަންފީޒު ކުރަން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ލުޔެއް ދިނުމަށް ނިންމާފައި ވަނީ ސްރީލަންކާގެ ފަތުރުވެރި ކަމާ ބެހޭ ވަޒީރު ޕްރަސަންނާ ރަނަތުންގަގެ އެދިވަޑައިގަތުމަކަށް، ޓެކްނިކަލް ކޮމިޓީގެ މަޝްވަރާއެކުގައި ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ އަސޭލާ ގުނަވަރުދަނާ ވިދާޅުވީ، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވާ ނުވާ ފަރާތްތަކަށް، ބައޮބަބަލް ތެރެއިން ހޮޓަލަށް ގޮސް، ޕީސީއާރް ޓެސްޓު ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މުޖުތަމައު ތެރެއަށް ނިކުމެ އުޅެވޭނީ، ނެގެޓިވް ނަތީޖާ ލިބުމުން ކަމަށް ޑރ ގުނަވަރުދަނާ ވަނީ ވިދާޅުވެފައެވެ.

މި ބަދަލާ ބެހޭ ތަފްސީލުތައް، އޮކްޓޯބަރު 1 ވަނަ ދުވަހު އާންމު ކުރާ ސާކިއުލާގައި ހިމެނޭނެ ކަމަށް ލަންކާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮވިޑް ކޭސްތައް އިތުރުވުމުގެ ސަބަބުން ކަރަންޓީނު ކާފިއު އިއުލާންކޮށް، ލޮކްޑައުންގެ އަމުރު ދަންމާލާފައި ލަންކާއިން އޮކްޓޯބަރު 1 ވަނަ ދުވަހު ލުއިތަކެއް ދޭނެ ކަމަށް ބެލެވެއެވެ. މިފަދަ އިޝާރާތްތަކެއް ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރުވެސް ވަނީ ދެއްވާފައެވެ.