ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އާދޭހާއި އިލްތިމާސްތަކަށް ބީރު ކަންފަތެއް ދެއްވާ، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖައްސަވައިފިއެވެ.

އެމެރިކާގެ ރައްޔިތުން ކޮވިޑް ވެކްސިން ޖެހުމަށް ބާރު އަޅުއްވަމުން ގެންދަވާ ބައިޑަން ބޫސްޓާ ޑޯޒް ޖެއްސެވީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް ހަބަރު ލިބެއެވެ. 3 ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒްގެ ގޮތުގައި ބައިޑަން ޖައްސަވާފައި ވަނީ، ކުރީ 2 ޑޯޒް ފުރިހަމަ ކުރެއްވުމަށް ބޭނުން ކުރެއްވި ފައިޒާގެ ކޮވިޑް ވެކްސިނެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްއާއި ދެވަނަ ޑޯޒް ބައިޑަން ޖެއްސެވީ ޑިސެމްބަރު 2020 ގައާއި ޖެނުއަރީ 2021 ގައެވެ.

އެމެރިކާއިން މިހާރު ދަނީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާ ދެމުންނެވެ. އެމެރިކާއިން ގާތްގަނޑަކަށް 60 މިލިއަނެއްހާ މީހުން، ފައިޒާގެ ބޫސްޓާ ޑޯޒް ޖަހާނެ ކަމަށް ހަބަރު ލިބެއެވެ.

އެމެރިކާއިން ފުޅާ ދާއިރާއެއްގައި ބޫސްޓާ ޑޯޒް ކެމްޕޭން ފަށާފައި ވާއިރު، ދުނިޔެގެ ސިއްހަތު ޖަމިއްޔާއިން ދަނީ ބޫސްޓާ ޑޯޒްގެ ފަލްސަފާ މަޑުޖައްސާލުމަށް ގައުމުތަކަށް ގޮވާލަމުންނެވެ. އެހެނީ، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ނުލިބޭ މީހުން، ފަގީރު ގައުމުތަކުގައި އިންތިހާއަށް ތިބުމެވެ.

ބޫސްޓާ ޑޯޒް ޖެއްސެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ، ހުރިހާ އެންމެނަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށްޓަކާ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ ގައުމަކީ އެމެރިކާ ކަމަށެވެ.

އެމެރިކާއިން ދަނީ ބައިނަލްއަގުވާމީ ކޮވިޑް ވެކްސިން އިއްތިހާދު (ކޮވެކްސް ފެސިލިޓީ) މެދުވެރިކޮށް، ދުނިޔޭގެ އެކި ގައުމުތަކަށް ވެކްސިން ޑޯޒްތައް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، އެމެރިކާގެ އެހީގެ ގޮތުގައިވެސް ގިނަ ގައުމުތަކަކަށް އެމެރިކާއިން ދަނީ ކޮވިޑް ވެކްސިން ފޯރުކޮށްދެމުންނެވެ.