މިއަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ.

އެސްޓީއޯ އިން ބުނީ ސާފް ޗެމްޕިއަންޝިޕް ފަދަ ފޯރިގަދަ މުބާރާތެއްގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ކުންފުންޏަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި މި މުބާރާތަށް ނަންދެވިފައި ވަނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021"ގެ ނަމުންނެވެ.

މުބާރާތް ފެށެން ކުޑަތަންވެފައި ވާއިރު މިއަހަރުގެ މުބާރާތުގެ ތީމް އެއްގެ ގޮތުގައި ހަމަޖަައްސާފައި ވަނީ "މަގޭ މަހަލްދީބް" އެވެ. މި ނަމުގައި ޕްރޮމޯޝަންގެ ހަރަކާތްތައް ބާއްވާއިރު ސްލޯގަންގެ ގޮތުގައި ބޭނުންކުރާނީ "ތިންވަނަ ފަހަރު، މީ އެ ފަހަރު" އެވެ.

މީގެ ކުރިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޕާޓްނަރުންގެ ގޮތުގައި ދިރާގާއި އެލައިޑް އިންޝުއަރެންސްއާއެކު ވަނީ ސޮއިވެސް ކޮށްފައެވެ.

ލީގު އުސޫލުން ޖުމްލަ 5 ގައުމެއް މި މުބާރާތުގައި ވާދަކުރާއިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގެ ރޭގަނޑު ބައްދަލުކުރާނީ ނޭޕާލް އާއެވެ.