ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރައްވާ އެތާ ހިދުމަތްދޭ އެކި ފަންތީގެ މީހުންގެ ޝަކުވާތައް އޮޅުން ފިލުއްވައިފިއެވެ.

ނައިބު ރައީސް ވަނީ މޯލްޑިވްސް އިމިގްރޭޝަންއާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި އެމްއޭސީއެލްގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ މިހާރު ފަތުރުވެރިން އަންނަލެއް އިތުރުވާކަން ފާހަގަކުރައްވާ ދެއްވާ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދެއްވައި އެކަންކަން އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ހުރިހާ މުވައްސަސާތަކުންވެސް ގުޅިގެން މަސައްކަތްކުރުމަށް ނައިބު ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި އެދިލައްވާފައެވެ.

މި ޒިޔާރަތްކުރެއްވުމުގައި ނައިބު ރައީސް ވަނީ ޑޮމެސްޓިކް ޓާމިނަލްއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ. އަދި އެވަގުތު ވީއައިއޭ އަދި ޑޮމެސްޓިކް ޓާމިނަލްގައި ތިބި ބައެއް ފަސިންޖަރުންނާވެސް ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އެއާޕޯޓުގައި އަލަށް ތަރައްގީ ކުރަމުންދާ ވީއައިޕީ އަދި ސީއައިޕީ ޓާމިނަލްވެސް ނައިބު ރައީސް ވަނީ ބައްލަވާލައްވާފައެވެ.

މިދިޔަ މަހުގެ ތެރޭގައި، އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެ، އެއާޕޯޓުގެ ކައުންޓަރުތަކުގެ ކިޔޫތައް ދިގުވުމުން ނަންބަރު ދޫނުކޮށް ހިދުމަތް މެދުކަނޑާލަން ޖެހޭ ހާލަތުތައް ވެސް ކުރިމަތިވެފައިވެއެވެ. އަދި އެރައިވަލް އާއި ޑިޕާޗާ ޓާމިނަލްތަކުގައި މީހުން ތޮއްޖެހި، ޓާމިނަލް ފުރިބާރުވިއެވެ. އަދި ޓާމިނަލް އެތަނުގައި ދަތުރުވެރިން ނިދާ، ކައި ބޮއެ ވެސް ހެދިއެވެ.