ދިރާގުން "21 ޑޭސް ނޯ ޕްލާސްޓިކް" ގެ ނަމުގައި އެއްފަހަރު ބޭނުންކޮށްފާ އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
ދިރާގުން ބުނީ އެ ކެމްޕޭން ފަށާފަވަނީ ބައިނަލް އަގްވާމީ ކޯސްޓަލް ކްލީން އަޕް އެވެއާނަސް މަސް 2021 ފާހަގަކުރުމާ ގުޅިގެން ކަމަށެވެ.
އެއް ފަހަރު ބޭނުން ކޮށްފަ އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ވެފާވަނީ ދިރިއުޅުމުގައި އަށަގަނެފައިވާ ނޭދެވޭ އާދައަކަށް ކަމަށާ އާ އާދައެއް އަށަގެންނެވުމަށް އެކަމެއް 21 ދުވަހަށް ކުރުމަކީ ވަރަށް މަޝްހޫރު ކަމެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ އެ ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ 21 ދުވަހުގެ ތެރޭގައި އެނޭދެވޭ އާދަ ދޫކޮށްލާ، ޕްލާސްޓީކް ނޫން ގޮތްތައް ދިރިއުޅުމުގެ އެކި ކަންތައްތަކުގައި ބޭނުން ކުރުމަށް ބާރު އެޅުން ކަމަށެވެ.
އެގޮތުން، އެ ކެމްޕެއިންގައި ބައިވެރިވެވޭނީ މި ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި އެމީހެއް އެއްފަހަރު ބޭނުންކޮށްފާ އެއްލާލާ ޕްލާސްޓިކާ ދެކޮޅަށް ނުވަތަ އެއާދަ ދޫކޮށްލުމަށް ކުރަން ގަސްތުކުރާ ކަންތައް ހިއްސާކޮށްލައިގެން ކަމަށް ދިރާގުން ބުނެއެވެ.
އެ ކެމްޕެއިނުގައި ބައިވެރިވުމަށް ކޮންމެ މީހަކުވެސް އެއްފަހަރު ބޭނުން ކޮށްފާ އެއްލާލާ ޕްލާސްޓިކް ގެންގުޅުން މަދުކުރުމަށް ކޮންމެވެސް އެއް އާދައެއް ދޫކުރުމަށް އަޒުމު ކަނޑައަޅަން ވާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ އޭގެ ތެރޭގައި ކާ އެއްޗެހި އަޅާ ޑިސްޕޮސަބަލް ޕްލާސްޓިކް ޓޭކްއަވޭ ކޮންޓައިނާ ތަކުގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ކޮންޓައިނާ ބޭނުން ކުރުން އަދި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅާ ފެންފުޅި ފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ. އަދި ކަނޑުފަޅުތައް ހިމާޔަތް ކުރަން ކުރެވިދާނެ އިތުރު އެތައް ކަމެއް ހިމެނިދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.
ކޮންމެ ހަފުތާއެކު އެ ކެމްޕެއިނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަސީބުވެރި 3 ފަރާތެއް ހޮވިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 9 ފަރާތް ހޮވިގެން ދާނެ ކަމަށާ އެ ފަރާތްތަކަށް "ޕްލާސްޓިކް ފްރީ ސްޓާޓާ ޕެކް" ހަދިޔާއެއްގެގޮތުގައި ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އެ ގިފްޓް ޕެކްގައި ހިމެނެނީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި ގެންގުޅެވޭނެ ތަކެތި ކަމަށް ވެސް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ "ލައިފް ބިލޯ ވޯޓަ" އަކީ އަލިފުދާލުގެ ދެމެހެއްޓެނިވި ލަނޑުދަޑިތަކުގެ ތެރެއިން ވެސް މުހިންމު އެއް ލަނޑުދަޑިއެއް ކަމަށެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ މުހިންމު އެއް ތަނބު ކަމަށެވެ.
އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ކެއާ ފޯ ދި އޯޝަންސް ކެމްޕޭންގެ ދަށުން އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ގޮވާލާ، އެކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ.
އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާ ސްކޫލްތަކަށް ހަދިޔާ ކޮށްފަ ކަމަށާ އަދި ގޮނޑުދޮށާ ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާ ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަ ކޮށްފަވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށެވެ.
އޭގެ އިތުރުން، 2016 ވަނަ އަހަރުން ފެށިގެން ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ އެކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕޭނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީ ވެސް ދިރާގުން ކަމަށް އެކުންފުނިން ބުނެއެވެ.
އަދި ހަމަ އެހެންމެ ދިރާގުން މިދިޔަ އަހަރު ކޮވިޑް19ގެ ސަބަބުން އިތުރުވި ޕީޕއީ ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފާ އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ 21 ޑޭސް ނޯ ޕްލާސްޓިކް ކޮންޓެސްޓާ ބެހޭ އިތުރު މައުލޫމާތު ދިރާގު ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެ ކަމަށެވެ.