ސަފާރީއެއް އަޑިއަށް ގޮސް އޭގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ ދަތުރުކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފފިއެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިއަދު 08:39 ހާއިރު ކ. ތިލަފުށީ ހުޅަނގުދެކުނުން 04 ނޯޓިކަލް މޭލުން (ވާދޫ ކަނޑު) ސަފާރީއެއް އަޑިއަށް ގޮސް އޭގައި ހުރި ބައެއް ތަކެތި އޮޔާދާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުން އިރަަށް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހާއްސަގޮތެއްގައި ރޭގަނޑު އެސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

"ހެންޑީ ކްރުއިސާ" ނަމަކަށް ކިޔާ އެސަފާރީ ދިޔަވެ، އަޑިއަށް ގޮސް އެ ސަފާރީން ދަތުރު ކުރަމުން ދިޔަ މީހަކު ވަނީ މަރުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މަރުވެފައި ވަނީ 41 އަހަރުގެ ބިދޭސީ ފިރިހެނެކެކެވެ.

އެ ސަފާރީން ދަތުރުކުރި 17 މީހުން، އެ ސަރަހައްދުގައި އޮތް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ވަނީ ހުޅުމާލެއަށް ގެންގޮސްފައެވެ. އަދި އޭގެ ތެރެއިން 6 މީހަކަށް ހާލުބޮޑުވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.