އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މަރުގެ މައްސަލައަކާ ގުޅިގެން ކުރިއަށް ދިޔަ ކޯޓު އަޑުއެހުމެއްގައި، ދައުވާ ލިބޭ މީހާގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

ވަކީލުންގެ ގޮތަށް ހެދުން އަޅައިގެން ތިބި ބަޔަކު، ދައުވާ ލީބޭ މީހާގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވާއިރު، މި އަމަލު ހިންގި މީހުންނަކީ، ދައުވާ ލިބޭ މީހާއާ ދެކޮޅު ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ގަބޫލު ކުރެވެއެވެ.

ދިއްލީ ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ދައުވާ ލިބޭ މީހާގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ޖަރީމާ ހިންގި ދެ މީހުންގެ ގަޔަށް ފުލުހުން ބަޑިޖަހާފައި ވާ ކަމަށާ، އެ 2 މީހުންވެސް މަރާލާފައި ވާ ކަމަށެވެ. ހާދިސާގައި ޖުމުލަ 3 މީހުން މަރުވިއިރު، އިތުރު މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ދިއްލީ ފުލުހުން ބުނެއެވެ.

ރޯހިނީ ކޯޓުގައި ހިނގާދިޔަ ކަންތައްތަކާ ބެހޭ އިންކުއަރީއެއް ފަށާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނިއުސް18 އާ ހަވާލާދީ، ސީއެންއެންއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ތަފާތު އެކި ކަހަލަ ޖިނާއީ މައްސަލަތަކުގައި ޝާމިލުވާ ޖީތެންދްރާ ގޯޖީގެ ގަޔަށް ރޯހިނީ ކޯޓުގައި ބަޑިޖަހާފައި ވާއިރު، އޭނާގެ މަރު ސާބިތު ކޮށްފައި ވަނީ ހޮސްޕިޓަލުގައެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ގޯޖީ ހައްޔަރު ކުރީ، ގަސްތުގައި މީހަކު މަރާލުމާއި މަރާލަން އުޅުމުގެ 19 މައްސަލައަކާ ގުޅިގެން ކަމަށް ހަބަރު ލިބެއެވެ.