މިއަދު ރާއްޖެއިން 126 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ދާދި ދެންމެއަކު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ 24 އިރުތެރޭ ކޮވިޑަށް ޓެސްޓު ކުރަން 3893 ސާމްޕަލް ނަގާފައިވާ އިރު އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 126 މީހުންނެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 32 މީހަކާއި، އަތޮޅުތެރެއިން 88 މީހަކާއި ރިސޯޓްތަކުން 4 މީހެއްގެ އިތުރުން ލިވަ ބޯޑުން 2 މީހަކު މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 84290 އަށް އަރާފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1614 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 15 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި އަހަރުގެ ކޮވީޑް ކޭސްތަކުގެ އަޕްޑޭޓް:

  • ޖެނުއަރީ: 2084 ކޭސް އާއި 4 މަރު
  • ފެބްރުއަރީ: 3952 ކޭސް އާއި 10 މަރު
  • މާޗް: 4286 ކޭސް އާއި 5 މަރު
  • އޭޕްރިލް: 5756 ކޭސް އާއި 6 މަރު
  • މެއި: 34،561 ކޭސް އާއި 88 މަރު
  • ޖޫން: 9402 ކޭސް އާއި 50 މަރު
  • ޖުލައި: 800 ކޭސް އާއި 10 މަރު
  • އޮގަސްޓް: 6581 ކޭސް އާއި 5 މަރު

މިއަދު ކޮވިޑް ބަލީގައި ވަނީ 80 އަހަރުގެ މީހަކު މަރުވެފައެވެ. މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 231 އަށް އަރާފައެވެ. އަދި މި މަހު ރާއްޖެއިން ވަނީ 5 މީހަކު މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭ ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯތް ކުރާ ދުވަސްތައް ފާހަގަ ކުރެވެއެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިއަދާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 567 ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 231 އަށް އަރާފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 182 މީހަކު މަރުވެފައެވެ.