މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި މެންދުރު 1 ގެ ފަހުން ވޯޓުލުމުގެ ކަންކަން ފެށި މަރުކަޒުތަކުގެ ވޯޓުލުން މިރޭ 8 ޖެހުމާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 9.00 ގައެވެ. ނަމަވެސް ވޯޓުލާ ބައެއް މަރުކަޒުތަކުގައި އެކި ސަބަބުތަކާ ހުރެ ވޯޓުލުން ފެށި ވަގުތު ވަނީ ފަސްވެފައެވެ. މިކަމާ ގުޅިގެން އެމްޑީޕީން ބުނީ، އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބު މުޅި ރާއްޖޭގައި ހިނގަމުންދާ އިރު، ދިމާވި އެކިއެކި ސަބަބުތަކާ ހުރެ، ވޯޓު ނަގަން ލަހުން ފެށުނު ފޮށިތައް ބަންދު ކުރާ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ވޯޓު ފޮށިތައް ބަންދު ކުރާ ވަގުތަށް ބަދަލު ގެނެސްފައިވަނީ މިއަދު ހެނދުނު 9:30 ގެ ފަހުން ވޯޓުލާން ފެސީ މަރުކަޒުތަކުން ކަމަަށް އެ ޕާޓީން ބުނެއެވެ.

  • ހެނދުނު 09:30 އާއި 11:00 އާ ދެމެދު ވޯޓުލުން ފެށުނު ތަންތަން ނިމޭ ގަޑި 18.00
  • ހެނދުނު 11:00 އާއި 13:00 އާ ދެމެދު ވޯޓުލުން ފެށުނު ތަންތަން ނިމޭ ގަޑި 19.00
  • މެންދުރު 13:00 ގެ ފަހުން ވޯޓުލުން ފެށުނު ތަންތަން ނިމޭ ގަޑި 20.00

ވޯޓުލުން ފަހުން ފެށި މަރުކަޒުތަކުގެ ކިޔުގައި ބަޔަކު ނެތް ނަމަވެސް އެ ވޯޓު ފޮށިތައް ބަންދު ކުރާނީ މަތީގައިވާ ގޮތަށް ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ކިއުގައި މީހުން ތިބި ނަމަ އެމީހުން ވޯޓުލާ ނިމެންދެން ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

މި އިންތިހާބުގައި 455 މަގާމަކަށް 735 މެމްބަރުން ކުރިމަތިލާފައި ވެއެވެ. މި އިންތިހާބުގައި މެންބަރުން އިންތިހާބު ކުރާނީ ދާއިރާ، ޕްރޮވިންސް އަދި ސިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކްރެޓަރީންނެވެ.

މި އިންތިހާބުގައި 300 އެއްހާ ވޯޓު ފޮށި ބަހައްޓާފައިވާ އިރު، 93،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް އެމްޑީޕީން ބުނެއެވެ.