ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ކުށަށް އިއުތިރާފުވި އަދުހަމް އަހްމަދު ރަޝީދުގެ ޝަރީއަތުގެ ބާކީ އޮތް ބައިތައް ސިއްރުކުރަން ނިންމައިފިއެވެ.

މިމަހު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަދުހަމް ކުށަށް އިއުތިރާފްވެފައިވާއިރު އަދުހަމްގެ ވާހަކަތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަން ހުރެދާނެ ކަމަށް ނިންމާ، އެދުވަހުގެ ޝަރީއަތް ވަކި ހިސާބަކަށް ކުރިއަށް ގެންދިއުމަށް ފަހު އަދުހަމާއި ދައުލަތުން ވެސް އެދިގެން ޝަރީއަތް ވަނީ ސިއްރުކޮށްފައެވެ.

އެ ދުވަހު، އަދުހަމް އެ ވާހަކަތައް ދައްކާ ނިމުމުން އަޑުއެހުމުގެ ބާކީ ބަޔަށް ނޫސްވެރިން ވައްދާނެ ކަމަށް ބެންޗުގެ ރިޔާސަތުގައި އިންނަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވިއެވެ. ނަމަވެސް އެދުވަހުގެ އަޑުއެހުން ނިމިގެން ދިޔަ އިރު ވެސް ނޫސްވެރިން ވައްދާފައެއް ނުވެއެވެ.

އަދުހަމްގެ މުޅި ޝަރީއަތް ސިއްރުކުރަން ނިންމާފައިވާއިރު ޕީޖީ އޮފީހުން ބުނީ އަދުހަމްގެ އަޑުއެހުންތައް ސިއްރު ކުރަން ޝަރީއަތުން ނިންމީ އަދުހަމްގެ ފަރާތުން އެކަމަށް އެދުމުން ކަމަށެވެ.

ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު ގެ މައްޗަށް 4 ދައުވާއެއް ކުރެއެވެ. އެ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

މި ދައުވާތައް އޭނާއަށް ސާބިތުވެއްޖެ ނަމަ 37 އަހަރުގެ ހުކުމެއް އަންނާނެއެވެ. އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިހްތިޔާރުގެ ދަށުން، ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާގެ އަށް 23 އަހަރުގެ ހުކުމަކަށް އެއްބަސްވީއެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމެވެ. އެކަމުގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަހަމްތަކެއްވެ އެ ވަގުތު އެ ތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ވެސް ނުރައްކާވިއެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަދުހަމް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އަށް ތާއީދުކުރާ ކަމަށް ތަހުގީގުގައި އެއްބަސްވެފައެވެ.

އަދުހަމްގެ އިތުރުން ހަ މީހަކަށް ވަނީ ނަޝީދަށް ހަމަލާ ދިން މައްސަލާގައި ދައުވާކޮށްފައެވެ. އެއީ މުޖާޒު އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، އިސްހާގު، ފަހުމީ އަލީ އަދި މުހައްމަދު ނާޒިމެވެ.