ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑު ފެރީ މޫދަށް ބާލައިފިއެވެ.
ހައި ސްޕީޑު ފެރީ މޫދަށް ބޭލުމުގެ ވީޑިއޯއެއް ހިއްސާ ކުރައްވާ އާޒިމް ވިދާޅުވީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑު ފެރީގެ ނިޒާމަކުން ގުޅާލުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެވައުދު ފުއްދުމަށް އެމްޓީސީސީގެ މުވައްޒަފުންނަށާ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ލަފަޔަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންޖީނު ކޮމިޝަންކޮށް ޓެސްޓްކުރުމަށްފަހު މި ހަފްތާގެ ތެރޭގައި ސީ ޓްރަޔަލް ފެށޭނެ ކަމަށް ފްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން ދަތުރު ކުރުމަށް ބޭނުންކުރާ ފެރީތަކަކީ 30 ނޮޓުގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ.
އެމްޓީސީސީގެ ހައިސްޕީޑް ފެރީތަކުގައި އަޅަން ހަމަ ޖެހިފައިވަނީ ޖަޕާނުގެ ޔަންމާ ކުންފުނިގެ 6CXBM-GT މޮޑެލްގެ 400 ހޯސް ޕަވަރުގެ އިންޖީނު ކަމަށް އެކުންފުނިން ބުނެއެވެ
އެހެންކަމުން މިހާރު އެމްޓީސީސީން ބޭނުން ކުރާ ފެރީތަކާ އަޅާ ބަލާއިރު ތިން ގުނަ ބާރު މިނުގައި މި ފެރީތައް ދަތުރު ކުރާނެއެވެ. އެ ފެރީތައް ބަނުމުގައި އިސްކަން ދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނެ ގޮތަކަށް ކަމަށާއި އެގޮތުން ފެރީގެ ސީޓާއި، ފަސިންޖަރުންގެ ކެބިން ފަރުމާ ކުރަނީ އެފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ހާއްސަ އިންތިޒާމްތަކެއް އެ ފެރީތަކުގައި ގާއިމް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ފެރީއެއްގައި އެއްފަހަރާ 50 މީހުން އުފުލޭނެއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުޙަލާގެ ދަށުން ފެރީގެ ހިދުމަތް ދޭނީ ހއ، ހދ އަދި ށ އަތޮޅުގައެވެ.
ހަފްތާގެ ހުރިހާ ދުވަހެއްގައި ފެރީގެ ހިދުމަތް ދިނުމަށް ނިންމާފައިވާ އިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ނިންމާފައި ވާ ކަމަށްވެސް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ އަދި އެެއްވެސް ހިދުމަތެއް ހުއްޓިއްޖެ ނަމަ، ބެކަޕް ޕްލޭނެއް ވެސް ތައްޔާރަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް އަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.
އެގޮތުން ފެރީ ނެޓްވޯކް އިން 6 ރީޖަން ގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅުވައި ލެވޭ އިރު، އެއް ރީޖަން އަނެއް ރީޖަން އާ ވެސް ގުޅިގެން ދާނެއެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމުގެ މަޝްރޫގައި ސޮއިކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.