ދައުލަތުގެ އެހީތެރިކަމުގެ ދަށުގައި ތިބޭ ކުދިންނަށް އާޓާއި މިއުޒިކް ތެރެޕީ ސެޝަން ހިންގައިދިނުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިގް އެންޑް ރިސާޗް (ޔުނިޓާ) އަދި ގްލޯބަލް ފައުންޑޭޝަން ފޯ ޕާފޯމިން އާޓްސް (ޖީއެފްޕީއޭ) އަށް ހުށަހަޅާފިއެވެ.

އެހުށަހެޅުން ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޔުނިޓާގެ ނިއުޔޯކް އޮފީހުގެ ހެޑް، އެކްސެލަންސީ މާކޯ ސުއާޒޯ އާއި، ޖީއެފްޕީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު ލޫސިއާ ޖޭ. ގުއޯ އަދު، ޖީއެފްޕީއޭގެ އާޓިސްޓް ރޮސްޓާގައި ހިމެނޭ ޕިއަނިސްޓު ބައިރޮން ޒޫއޮ އާ ބައްދަލުކުރައްވަމުންނެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފަ ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި އެ ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކޮށްފައިވަނީ ރާއްޖޭގައި މިއުޒިކް އާޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޔުނިޓަރގެ އިސް ވެރިޔާއާއި، ޖީއެފްޕީއޭގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރެއްވުން

އެ ބައްދަލުކުރެއްވުމުގައި ފަޒްނާ ވަނީ ޔުނިޓާ އާއި ޖީއެފްޕީއޭގެ ފަރާތުން އެކަމަނާއަށް ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ، ޔޫއެންޖީއޭ ކުރިޔަށްދާއިރު އެކަމަނާ ނިއުޔޯއަށް ކުރެއްވި އެދަތުރުފުޅަކީ އެފަދަ ފައިދާހުރި އާ ޕާޓްނާޝިޕް ފުރުސަތުތައް ފަހިވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އެ ކަމަނާ ވަނީ އެކަމަނާއަކީ ވެސް ތައުލީމީ ދާއިރާއިން ވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކުރައްވަމުން، ތައުލީމު ދިނުމުގެ ތެރޭގައި އާޓް އަދި މިއުޒިކް ބޭނުންކުރުމަކީ ވަރަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޔުނިޓާ އާއި ޖީއެފްޕީއޭ އާ ގުޅިގެން ރާއްޖޭގެ ޓީޗަރުންނަށް އާޓް ތެރަޕީގެ ތަމްރީނުތައް ހިންގަން ފެށުމަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާ މައުލޫމާތު ހޯއްދެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޔުނިޓާ އާއި ޖީއެފްޕީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން ވަނީ އާޓް އަދި މިއުޒިކަކީ އިލްމީ ކަންކަމާއި ސިއްހީ ދުޅަހެޔޮކަމަށް އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެއްކަން ފާހަގަކޮށް، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވާސިޓީތައް ކަމަށްވާ ހާވަޑް ޔުނިވާސިޓީއާއި މަސަޗޫސެޓްސް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ ފަދަ ޔުނިވާސިޓީތަކާ ބައިވެރިވެގެން ކުރިޔަށްގެންދާ އެފަދަ ބައެއް އޮންލައިން ކޯސްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ސްކޫލް ކުދިންނަށް އާޓް އެންޑް މިއުޒިކް ތެރަޕީ ފޯރުކޮށްދިނުމަށް ޓްރެއިން-ދަ-ޓްރެއިންނާ އުސޫލުން ރާއްޖޭގެ ޓީޗަރުންނަށް އަމާޒުކޮށް، ސެޝަންތަކެއް ކުރިޔަށް ގެންގޮސްދިނުމަށް ތައްޔާރަށް ތިއްބެވިކަން ވެސް އެފަރާތްތަކުން ވަނީ ފާހަގަ ކުރައްވާފައެވެ.

ފަޒްނާ ވަނީ، ދައުލަތުގެ އެހީތެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އާޓް އަދި މިއުޒިކް ތެރެޕީ ސެޝަން ހިންގައިދިނުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޔުނިޓާ އަދި ޖީއެފްޕީއޭ އަށް ހުށަހަޅުއްވާފައެވެ. އަދި ޔުނިޓާ އަދި ޖީއެފްޕީއޭގެ ފަރާތްތަކުން ވަނީ ރާއްޖޭގައި ދައުލަތުގެ އެހީތެރިކަމުގައި ތިބޭ ކުޑަކުދިންނަށް ހާއްސަކޮށް އެފަދަ ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފެއްޓެވުމަށް އެއްބަސްވެ ވަޑައިގެންފައެވެ.

އެ ބައްދަލުކުރެއްވުން ނިންމާލާފައިވަނީ ބައްދަލުކުރެއްވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ގޮތަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިޔަށްގެންދާނެ ކަން ފާހަގަ ކުރައްވަމުންނެވެ.