މިމަހުގެ 14 ގައި އެޕަލް ކުންފުނިން ލޯންޗްކުރި އައިފޯން 13 ސީރީސްގެ ފޯނުތަކަށް، އަންނަ މަހުން ފެށިގެން ޕްރީއޯޑަރު ކުރެވޭ ގޮތަށް އުރީދޫން ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ.

އެޕަލް ކުންފުނިން ވަނީ މި މަހުގެ 14 ގައި އެންމެ ފަހުގެ އައިފޯން، އައިފޯން 13 ދައްކާލާފައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އައިފޯން އާއި އިތުރު އުފެއްދުންތައް އެކުންފުނިން ދައްކާލާފައިވަނީ ވާޗުއަލްކޮށް ބޭއްވި ހަފްލާއެއްގައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް، މިއަހަރުވެސް އެޕަލް އިން ވަނީ އައިފޯން ސީރީސްގެ ހަތަރު މޮޑެލް އެއް ދައްކާލާފައެވެ. އެއީ:

  • އައިފޯން 13 މިނީ
  • އައިފޯން 13
  • އައިފޯން 13 ޕްރޯ
  • އައިފޯން 13 ޕްރޯ މެކްސް

މިއަހަރު ދައްކާލި އައިފޯން 13 ސީރީސް ދައްކާލާފައިވަނީ އާ އޭ15 ބައޮނިކް ޗިޕާއި އެކު 5ޖީ ވެސް ހިމެނޭ ގޮތަށެވެ. އަދި ކެމެރާ އަށް ބަދަލުތަކެއް ގެނެވިފައިވާއިރު، ކޮލިޓީ ރަނގަޅު ވީޑިއޯ ނެގޭނެ ސިނަމެޓިކް މޯޑްވެސް ވަނީ އާ އައިފޯނާއި އެކު ތައާރަފް ކޮށްފައެވެ.

އެހެން އައިފޯންތަކާއި ހިލާފަށް އައިފޯން 13 ގެ އިންޓާނަލް ސްޓޯރޭޖް ފަށަނީ 128 ޖީބީ އިންނެވެ. އަދި ޕްރޯ މޮޑެލްތަކުގައި 1 ޓީބީގެ ސްޓޯރޭޖް ހިމެނޭނެއެވެ.

އައިފޯން 13 ގެ މޮޑެލްތަކުގެ ފެށޭ އަގު:

  • އައިފޯން 13 މިނީ: 699 އެމެރިކާ ޑޮލަރު
  • އައިފޯން 13: 799 އެމެރިކާ ޑޮލަރު
  • އައިފޯން 13 ޕްރޯ: 999 އެމެރިކާ ޑޮލަރު
  • އައިފޯން 13 ޕްރޯ މެކްސް: 1099 އެމެރިކާ ޑޮލަރު

އެޕަލް އިން އައިފޯން 13 ޕްރީއޯޑަރަށް ހުޅުވާލާފައިވާއިރު، މިއަދު އައިފޯން 13 ބާޒާރަށް ނެރޭނެއެވެ.